ކްރިމިނަލް ކޯޓް

މިޔަރު އުރަހަ ބޭރުކުރަން އުޅުނު ބިދޭސީއަކު ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

ރާއްޖެއިން މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު ބިދޭސީއަކު 50،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސްރީލަންކާ މީހަކު ވަގަށް މިޔަރު އުރަހަ ބޭރުކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަތުލައިގަތީ ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓާ އޭނާގެ ލަގެޖުން އުރަހަތަށް ފެނިގެންނެވެ.

މި މީހާގެ މައްޗަށް ދައުލަތުން ދައުވާކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. މިކުށުގެ އަދަބަކީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 10،000 ރުފިޔާ އާއި 240،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި މީހާގެ ދަރިއަކު ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާތީ އާއި އެކަމާ ގުޅޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާތީ އެންމެ ރަނގަޅު ގޮތަކީ ޖޫރިމަނާކުރުމަށް ކަމަށް ނިންމަވާ ގާޒީ ވަނީ މި މީހާ 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. މިފައިސާ އިއްޔެ އިން ފެށިގެން އެއްމަސް ދުވަސް ތެރޭގައި ދެއްކުމަށްވެސް ކޯޓު ހުކުމްގައިވެ އެވެ.

މިޔަރު ހިފުމާއި މިޔަރުގެ އެއްވެސް ބާވަތެއްގެ އެއްވެސް ވިޔަފާރިއެއް ކުރުމާއި އަދި މިޔަރުގެ އެއްވެސް އެއްޗެއް ރާއްޖެ އިން ބޭރުކުރުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން މަނާކޮށްފައި އޮންނަ ކަމެކެވެ.