ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކޮށްފައިވާ ބަޖެޓުން 200 މިލިއަން ރުފިޔާ ނެގުމަށްފަހު އަންނަ އަހަރުން ފެށިގެން އެ ފައިސާ ހަރަދުކުރާނީ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ޙަވާލުކުރުމަށް މިރޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިރޭ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ ދިރިއުޅުމުގައި މިހާތަނަށް ވަރަށް ގިނަ ގޮންޖެހުންތަކާ އެކު އަދި ބުރަ މަސައްކަތާ އެކު ކާމިޔާބު ހޯދި ދަރިވަރުން ކަމަށެވެ. އެހެންވެ ރައީސް އެދިވަޑައިގަތީ އެ ކުދިންގެ ކިޔެވުމުގެ ކުރިއަށް ހުރި މަރުހަލާތަކުގައިވެސް ހިތްވަރާއެކު މަސައްކަތްކޮށްގެން ކާމިޔާބީ ހޯދުމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ކުދިން ރާއްޖެއިން ބޭރުގައި ކިޔެވުމަށްފަހު އެ ކުދިންނަށް ރާއްޖެއިން ރަނގަޅު މުސާރަ ނުލިބޭތީ ވަރަށް ގިނަ ކުދިން ކިޔެވުމަށްފަހު ރާއްޖެ ނައިސް އެހެން ގައުމުތަކުގައި މަޑުކުރާ ކަމަށެވެ. އަދި ރާއްޖެ އަންނަ ކުދިންވެސް ދައުލަތުގެ ވަޒީފާއަށް ވުރެ އިސްކަންދެނީ އަމިއްލަ މީހުންގެ ވަޒީފާތަކަށް ކަމަށާއި އެހެން ދިމާވަނީ އަމިއްލަ މީހުންގެ ވަޒީފާތަކުގައި މުސާރަ ބޮޑުވުމުން ކަމަށްވެސް ވިދާޅުވި އެވެ.
މިމައްސަލަ ހައްލުކުރުމަށްޓަކައި ދެ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ ކިޔަވައިގެން ރާއްޖެ އަންނަ ކުދިންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ބޭނުންވާނެތީ އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަގީގަތަކަށް ހަދާނެ ކަމަށެވެ.
"އޭރުން ކުދިން އަމިއްލަ ދިރިއުޅުމެއް ފެށުމަށް ބޭނުންވާ ގެދޮރުވެރިކަމާއި އާއިލާ އެކީގައި އުޅުމަށް ބޭނުންވާނެ ގެދޮރުވެރިކަން ހުންނާނެ. މިހުރިހާ އޮޕްޝަނަކަށް ވާގޮތަށް އިރާދަކުރެއްވީއްޔާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކިޔަވައިގެން އަންނަ ކުދިންނަށް ރަނގަޅު ވަޒީފާއާއި އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބެންޖެހޭ ކަމަށެވެ. އެހެންވެ ވީހާވެސް ގިނަ ދިވެހިން ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ގިނަ ދާއިރާތަކެއް ހަމައެކަނި ދިވެހިންނަށް ހާއްސަ ކުރާނެ ކަމަށާއި އަދި އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް އޮތް ހަތަރު ފަސް އަހަރެއްގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރުން ފެށިގެން 200 މިިލިއަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އަދި ރަނގަޅު ވަޒީފާ ހޯދައިދީ އެކަށީގެންވާ ބޮޑު މުސާރަ ދިނުމަށް ޚާއްސަ ކުރައްވާނެ ކަމަށެވެ.
"ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އެކި ދައިރާތަކުން ކިޔަވާފައި ތިބޭ މީހުންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ދިނުމަށް މިއަންނަ އަހަރުން ފެށިގެން ކަނޑައަޅާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކާ އެކު ވީހާވެސް ގިނަ ދިވެހިން ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.
ސްކޮލަޝިޕް މިރޭ ލިބުނު ދަރިވަރުންގެ ކިބައިން ރައީސް އެދިވަޑައިގަތީ ދުނިޔޭގެ ކޮންމެ ތަނަކަށް ކިޔަވަން ދިޔަ ނަމަވެސް ކޮންމެ ކުއްޖަކީވެސް ފުރިހަމަ މުސްލިމެއް ކަމަށް ގަބޫލުކޮށް ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށެވެ.