މެސީ

އިންޓަ މިއާމީ ވާނީ ކެރިއަރުގެ ފަހު ކްލަބަށް: މެސީ

އެމެރިކާގެ މޭޖަ ލީގް ސޮކަ (އެމްއެލްއެސް)ގެ އިންޓަ މިއާމީ އަކީ އޭނާގެ ކެރިއަރުގެ ފަހު ކުލަބަށް ވާނެ ކަމަށް އެ ޓީމަށް ކުޅޭ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފި އެވެ.

އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ އިންޓަ މިއާމީ އަކީ އޭނާގެ ކެރިއަރުގެ ފަހު ކްލަބު ކަމަށާއި ނަމަވެސް މިވަގުތު ރިޓަޔާވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

އުމުރުން 37 އަހަރުގެ މެސީ ވަނީ އަށް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. އަދި ރަން ބޫޓު 6 ފަހަރު ހޯދާފަ އެވެ.

މެސީ އިންޓަ މިއާމީ އަށް ބަދަލުވީ މިދިޔަ އަހަރު ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމޭން (ޕީއެސްޖީ) އިންނެވެ. އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސްޕެއިންގެ ބާސެލޯނާ ގައެވެ.

އާޖެންޓީނާއާއެކު މިދިޔަ އަހަރާއި މިއަހަރު ކޯޕާ އެމެރިކާ ކާމިޔާބުކުރި މެސީ ބުނެފައިވަނީ 2026 ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގައި ކުޅެން ބޭނުންވާ ކަމަށެވެ. އަދި ގައުމީ ޓީމުގައި ކުރިއަށް އޮތް ތަނުގައިވެސް ކުޅޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ކުރީގައި ކުޅުނު ފެންވަރުގައި ދެން ނުކުޅެވޭ ކަމަށާއި ދަނޑުމަތިން ދެން މާގިނަ ދުވަސްތަކަކު ނުފެންނާނެ ކަމަށްވެސް މެސީ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ދަނޑުމަތިން ނުފެންނަ ދުވަސް ވާނީ ފުޓުބޯޅަ ސަޕޯޓަރުންނަށް ހިތްދަތި ދުވަހަކަށެވެ.