ފަޅު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ހުއްޓައި ފުލުހުން އަތުލައިގަތް އަންހެނަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.
މިއީ މާލޭން ދެކުނުގެ ރަށެއްގައި މިދިޔަ އަހަރު ހިނގި ހާދިސާއެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅު، އެއް ދުވަހަކު އެ ރަށުގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އާއްމުކޮށް މަސްތުވާތަކެތި ބޭނުން ކުރާ މީހުން ވަދެއުޅޭ ފަޅު ގެއެއްގެ ތެރެއިން މި އަންހެން މީހާ ނުކުންނަ މަންޒަރު ފެނިގެން ފުލުހުން އޭނާ ހުއްޓުވައި ބެލި ބެލުމުން އޭނާ ލައިގެން ހުރި ޖީންސްގެ ފައިކުރިން މަސްތުވާތަކެތި ފެނުނެވެ.
މި މައްސަލައިގައި ދައުލަތުން އެ އަންހެން މީހާގެ މައްޗަށް އުފުލި ދައުވާއަކީ ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ. އަންހެން މީހާ ވަނީ އެ މީހާ ޑައިމޯފިން ބޭނުން ކުރި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފަ އެވެ.
މި މައްސަލައިގައި އަންހެން މީހާ ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ އަންހެން މީހާ ދެ އަހަރާއި 11 މަހާއި 14 ދުވަހަށް ޖަލަށް ލުމަށެވެ. ހުކުމް ކުރީ މައްސަލައާއި ގުޅިގެން އަންހެން މީހާ ބަންދުކޮށްފައިވާ މުއްދަތު އުނިކުރުމަށްފަހު އެވެ.