ދުނިޔެ

ބައިޑަން ރިޔާސީ ރޭހުން ބޭރުވެވަޑައިގަތުމާ މެދު ގޮތެއް ނިންމަވަނީ

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޖޯ ބައިޑަން ވާދަކުރެއްވުމާ މެދު ދެވަނަ ވިސްނެވުމަކަށް ވަޑައިގެންފާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ބައިޑަން، 81، ހުންނެވީ އުމުރުގެ ގޮތުން ވެސް ދެވަނަ ދައުރެއް އަދާކުރެއްވާ ހާލުގައި ނޫން ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އޭނާ ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރެ އެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓުގެ ގޮތުގައި ރައީސްކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމުގެ ނިޔަތުގައި ބައިޑަން ރިޔާސީ ރޭހަށް ވަދެވަޑައިގެން، ރިޕަބްލިކަން ކެންޑިޑޭޓް -- އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބަހުސްކުރައްވައި ވަނީ ވަރަށް ބޮޑަށް ފޭލިވެވަޑައިގެންފަ އެވެ.

ބަހުސްގެ ރިޔާސަތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަން އެނގިވަޑައިނުގެން ވަނީ މާނައެއް ދޭހަނުވާ ލަފުޒުތަކެއް ވިދާޅުވެފަ އެވެ.

ބައިޑަން ދެއްކެވި ވާހަކަތައް އެނގިވަޑައިގަންނަވާތޯ ޓްރަމްޕާ ކުރި ސުވާލަށް އޭނާ ވިދާޅުވީ ބައިޑަން ދެއްކެވި ވާހަކައެއް އެނގިވަޑައިގަންނަވާނީ އޭނާއަށް އެކަނި ކަމަށެވެ. ކޮންމެވެސް އެއްޗެއް ވިދާޅުވި އަޑު އިވިވަޑައިގެންނެވި ނަމަވެސް މާނައެއް ދޭހަނުވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ބައިޑަންގެ މި ހާލަތަށް ހަމްދަރުދީވެ ވަޑައިގެން ޑިމޮކްރެޓިކް ޕާޓީގެ ބޮޑުންވެސް ވަނީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ބައިޑަންއަށް ދަންނަވާފަ އެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ ވެސް ވަނީ ބައިޑަން ވާދަކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ޖޯ ބައިޑާންއާ މެދު ހުރި މިފަދަ ދެރަ ބަސްތަކުގެ ސަބަބުން ރިޔާސީ އިންތިހާބުގައި އޭނާ ވާދަނުކުރައްވާނެ ކަމަށްވެސް ގިނަ ބަޔަކު މިހާރު ބުނެ އެވެ. އަދި ކުރިއަށް އޮތް ހަފުތާ ބަންދުގައި ވަކި ގޮތެއް ނިންމަވާނެ ކަމަށް ފެންނަ ކަމަށްވެސް ބުނެވެ އެވެ.