ކޭއެފްސީ

ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި

މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ގާބުރިއަކުން ޖަހާ އަނެއްކާވެސް ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 04:32 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު މި މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 3:00 ހާއިރުވެސް ވަނީ ތަޅާލާފަ އެވެ.

ކޭއެފްސީއަށް ގެއްލުން ދީފައި މިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ.

ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ ކޭއެފްސީގެ މެނޭޖްމަންޓަކީ އިޒްރޭލުގެ އަނިޔާވެރިކަމަށް ތާއީދު ކުރާ ބައެއް ކަމަށް ބައެއްް މީހުން ތުހުމަތު ކުރެ އެވެ.