މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ގާބުރިއަކުން ޖަހާ ތަޅާލި ކަަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފި އެވެ.
ކޭއެފްސީގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ މިމަހުގެ 20 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައެވެ.
ކުށުގެ ތުހުމަތުގައި ފުލުހުން އިއްޔެގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާގެ މައުލުމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކޭއެފްސީއަށް ތަކުރާރުކޮށް ގެއްލުން ދޭން ފަށާފައި މިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ.
ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ ކޭއެފްސީގެ މެނޭޖްމަންޓަކީ އިޒްރޭލުގެ އަނިޔާވެރިކަމަށް ތާއީދު ކުރާ ބައެއް ކަމަށް ބައެއްް މީހުން ތުހުމަތު ކުރެ އެވެ.