އާދަމް ޝަރީފު އުމަރު

ލާމަރުކަޒީ ބަދަލުތަކާ ގުޅޭ "ސައްލާ"ތަކެއް ފަށަނީ

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކާއި ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް "ސައްލާ"ތަކެއް ފަށަން ނިންމައިފި އެވެ.

ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެ ގޮތުން ކައުންސިލްތަކަކީ ރައްޔިތުން އެދޭ ހިދުމަތްތަކެއް ފޯރުކޮށްދީ ރައްޔިތުން ބަލައިގަންނަ އިދާރާތަކަކަށް ހެދުމުގެ މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ދިރާސާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުން އަންނަ މަހުގެ ތެރޭގައި އޮގަސްޓް މަހުގެ މެދުތެރޭގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވާ،" އާދަމް ޝަރީފް ވިދާޅުވެ އެވެ.

އެ ދިރާސާގެ އަލީގައި ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުންނާ ގާތަށް މި މަސައްކަތުގެ މަޝްވަރާއަށް "ސައްލާ" ކުރުމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ގައުމީ ޔުނިވާސިޓީން ކުރަމުންދާ ދިރާސާގެ އަލީގައި ގެނެވޭ ބަދަލުތަކާއެކު އަލަށް ތަންޒީމުކުރެވޭ ލާމަރުކަޒީ ނިޒާމާއެކު ރައްޔިތުން އިތުރަށް ބާރުވެރިކުރުވޭނެ އެވެ. އަދި ރައްޔިތުންނާ ގާތުން ހެޔޮވެރިކަމެއް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.