ޑރ. މުހައްމަދު މުއިއްޒު

ފަންނުވެރިންނަށް އެހީވުމަށް ބަޖެޓުން 25 މިލިއަން ރުފިޔާ ދެނީ

ފަންނުވެރިންގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ ބަޖެޓުގައި އެހީގެ ގޮތުގައި ދިނުމަށް ކޮންމެ އަހަރަކުވެސް 25 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއާއި ނެޝަނަލް އާޓް ގެލަރީ ގުޅިގެން "އަންވެއިލިން ވިޒަންސް 2024"ގެ ނަމުގައި ކުރިއަށް ގެންދާ އެގްޒިބިޝަނަށް މިރޭ ވަޑައިގެން އާޓިސްޓުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގްޒިބިޝަންގައި ފެނުނު ކުރެހުންތަކާއި ފަންނީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ރައީސް ވިދާޅުވީ އެތަނުން ފެނުން ކޮންމެ މަސައްކަތަކީ ހުނަރުވެރި، އުފެއްދުންތެރި އަދި ވިސްނުންތަކެއްގެ ތެރެއިން ކޮށްފައިވާ މަސައްކަތްތަކެއް ކަން އެނގިގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އާޓު ނުވަތަ ފަންނުގެ ދާއިރާ އަކީ ވެސް އާމްދަނީ ހޯދުމަށް ކުރެވޭނެ މަސައްކަތަކަށްވާތީ އެ މަސައްކަތަށް ވަންނަން ބޭނުންވާ މީހުންނާއި މިހާރު މަސައްކަތުގައި ދެމިތިބި އާޓިސްޓުންނަށް އެހީވުމަށް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބަޖެޓުގައި 25 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ. އަދި ފަންނުގެ ދާއިރާއިން ކުރިއަށް ދިއުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހުޅުވާލާ ފުރުސަތުތަކުގެ ތެރެއިން ކުރިއަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން މި އިންޑަސްޓްރީއަށް ހަރަދުކުރުމަށް، ތިބޭފުޅުންނަށް ދޫކުރުމަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން 25 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

ފަންނުވެރިންގެ މަސައްކަތްތައް ބައިނަލްއަގްވާމީ މާކެޓްތަކުގައި ވިއްކާލެވޭނެ ގޮތެއް ހޯދައިދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. ރައީސް މިރޭ ވިދާޅުވީ އެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އޮންލައިންކޮށް ތަކެތި ވިއްކާލެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ބައެއް ފަރާތްތަކާ އެކު ވާހަކަދެކެވެމުންދާ ކަމަށެވެ.