ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ބޭރު ޔުނިވަސިޓީއެއްގެ ކެމްޕަހެއް ގާއިމުކުރަން މަޝްވަރާކޮށްފި

ބޭރުގެ ޔުނިވަސިޓީއެއްގެ ކެމްޕަހެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ސައުދީގެ ޖާމިއަތު އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ޔުނިވަސިޓީގެ ވަފްދެއް މިވަގުތު ރާއްޖޭގައި ތިއްބެވިއިރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަހްމަދު ޝަފީއު އާއި ޑރ. އަހްމަދު ނަޒީރު ވަނީ އެ ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާ ކެމްޕަސް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ނަޒީރު ވިދާޅުވީ ސައުދީގެ ޔުނިވަސިޓީން ބޭނުންވަނީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގަން ކަމަށެވެ. ސައުދީ ޔުނިވަސިޓީގެ ކެމްޕަސް ރާއްޖޭގައި ގާއިމުކުރެވިއްޖެނަމަ ބޭރުގެ ބައެއް ދަރިވަރުން އެ ތަނަށް ކިޔެވުމަށް އައުމަކީ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ސަަރުކާރުން ވެސް ބޭނުންވަނީ އަރަބި އިސްލާމީ ތައުލީމު ފުޅާކުރަން ކަމަށްވާތީ ރާއްޖެއަށް ބޭނުންވާ އަރަބި އަދި އިސްލާމް ޓީޗަރުން އެތަނުން ތަމްރީން ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަރަބި ބަސް މި ރާއްޖޭގެ ސްކޫލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މީހުން މީގެ ތެރެއިން ތަމްރީންވާނެ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ފަސް ޕަސަންޓް ދަރިވަރުންނަކީ ބޭރުގެ ދަރިވަރުންނަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ލިބޭނެ ފައިދާތަކެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސައުދީގެ ޔުނިވަސިޓީގެ ވަފްދަށް ޝަފީއު އާއި ނަޒީރު ވަނީ ރާއްޖެގައި ޔުނިވަސިޓީއެއްގެ ކެމްޕަހެއް ހިންގަން ބޭނުންވާނަމަ އަމަލުކުރަންވީ ގޮތްތައް އޮޅުން ފިލުއްވައިދެއްވާފަ އެވެ.