ދުނިޔެ

ކަމަލާ ހެރިސްއަށް ޖޯ ބައިޑަން ތާއީދުކުރައްވައިފި

އެމެރިކާގައި މި އަހަރުގެ ނޮމެވްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސްގެ މަގާމަށް ވާދަކުރައްވަން އެންމެ ރަނގަޅީ މިހާރުގެ ނައިބު ރައީސް ކަމަލަ ހެރިސް ކަމަށް އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން އަދި ވިދާޅުވީ އޭނާގެ ހުރިހާ ތަރުހީބަކާއި އެއްބާރުލުމެއް ކަމަލާއަށް ދެއްވާނެ ކަމަށެވެ.

ޖޯ ބައިޑަން މި ގޮތަށް ނިންމެވީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައި މިއަދުގެ ވަގުތެއްގަ އެވެ.

ބައިޑަން ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމެވީ އޭނާގެ ސިއްހަތާ މެދު އޮތް ކަންބޮޑުވުން ވަރަށް ބޮޑު ކަމަކަށްވެ އޭނާއަށް ހެޔޮއެދޭ އެތައް ބަޔަކު އިރުޝާދު ދެއްވުމުންނެވެ.

ރިޔާސީ ރޭހުން ވަކިވެވަޑައިގެން މި ޚަބަރު އިއުލާންކުރެއްވި އިރުވެސް ބައިޑަން ހުންނެވީ ކޮވިޑް-19 ޖެހިވަޑައިގެން އާލާސްކަންފުޅާ އެވެ. މި ކަމުގެ ސަބަބުން އޭނާގެ ކެމްޕެއިން ހަރަކާތްތައް ވެސް ވަނީ ހުއްޓިފަ އެވެ.

އުމުރުގެ ގޮތުން ބައިޑަން، 81، އަކީ ވަރަށް ދޮށީ ބޭފުޅެކެވެ. މިހާ ދޮށީ އުމުރެއްގައި އެމެރިކާގެ ރައީސްގެ މަގާމު އަދާކުރެއްވި ބޭފުޅެއްގެ ޝަރަފުވެސް މިހާރު އޮތީ ބައިޑަންއަށެވެ.

އަނެއްކޮޅުން، ބައިޑަން އަކީ ޒަމާނީ އެމެރިކާ ގޮވައިގެން ސިޔާސީ އޮއިވަރު ގަދަ ދުނިޔެއެއްގައި ވަކާލާތުކުރެވޭނެ ލީޑަރެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

މިކަން އެންމެ ބޮޑަށް ފާޅުވެގެން ދިޔައީ މިދާކަށް ދުވަހު އޮތް ރިޔާސީ ބަހުސްގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ވާދަކުރަައްވައި ބައިޑަން ދެއްކެވި ވާހަކަތަކުގަ އެވެ.

ޖޯ ބައިޑާންއާ ރިޔާސަތުން ކުރެއްވި ގިނަ ސުވާލުތަކަށް ހަރުދަނާ ޖަވާބެއް ދެއްވަން އެނިވަޑައިނުގެން އޭނާ ވަނީ ބަސްހުއްޓިވަޑައިގެންފަ އެވެ.

ބައިޑަން ރިޔާސީ ރޭސް ދޫކޮއްލެއްވުމަށް ފަހު ވިދާޅުވީ އެމެރިކާ އަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. އަދި ކަމަލާ ހެރިސްއަށް ދާއިދުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.