(18 ޖުލައި 2024 އާ ގުޅޭ )
"އަހަރެން ދިން އިންޒާރުގެ މަތިން ސޫޒަން ހަނދާން ނެތުނީތަ؟." ހިތްހަމަނުޖެހިފައި އިނދެ އާސިފު ސުވާލުކުރި އެވެ.
"ނޫން... ހަނދާން އެބަހުރި. ކާފަ ދެއްކި އެއްވެސް ވާހަކައެއް ހަނދާނެއް ނުނެތޭ." ސޫޒަންގެ ދެ ލޮލަށް ކުއްލިއަކަށް ބޮޑެތި ކަރުނަތައް ޖަމާކޮށްލައިފި އެވެ. އެހެންނަމަވެސް އާސިފު ބަލަން އިން ގޮތުން އޭނާގެ ހިތް އެ ކަރުނައަކަށް މަޑެއް ނުވާނޭކަން ޔަގީނެވެ.
"ސޫޒަންއާ އިޒީކިއަލް އެކަށީގެންވޭތަ؟. އަހަރެމެންގެ ޢާއިލާގެ ތެރެއަށް އަންނަން އެކަށީގެންވޭތަ؟. މުޅި އުމުރުގައި ވެސް އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯސް އެއީ ކަލެއާ މެދު ހަމްދަރުދީވެ އަހަރެމެންގެ ތެރެއަށް ދިރިއުޅޭން ގެނައުން. އިޒީކިއަލްއެކޭ އެއްފަދައިން ދަރިއެއްހެން ބަލައިގަތުން." އާސިފުގެ އަޑުގައިވީ ފޫހިކަމާއި ނުރުހުމެވެ.
"އަޅުގަނޑަށް ގޯހެއް ހެދުނީ... އަޅުގަނޑަށް ކުރެވުނު ކުށް އެނގޭ." ރޮމުން ސޫޒަން ބުންޏެވެ.
"އެހެންތަ؟. އެހެންވީމަ ތިމާ ކުރެވުނީ ކޮންކުށެއްކަން އެނގޭތާ. ފާއިތުވެގެން މިދިޔަ އަހަރުތަކުގައި ސޫޒަން މަސައްކަތް ކުރަމުން ދިޔައީ އިޒީކިއަލްއާ އޭނާގެ ޢާއިލާއާ ދުރުކުރުވަން. ސޫޒަން ހީކުރަނީ އަހަރެންނަށް އެއްވެސް އެއްޗެއް ނޭނގޭ ކަމައްތަ؟." ސޯފާއިން ތެދުވެ ސޫޒަންއާ ދިމާއަށް އަންނަމުން އާސިފު ވާހަކަދެއްކި އެވެ.
"ކާފާ... އަޅުގަނޑު ހަޤީޤަތުގައި ވެސް އިޒީދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. ކާފައަށް ވެސް އެނގޭނެ. ކުޑައިރުއްސުރެ އުފެދުމުން އައި ލޯތްބެއް މީ. އިޒީ ވެސް އަޅުގަނޑުދެކެ ލޯބިވަނީ. ޕްލީޒް ކާފާ. އަޅުގަނޑުމެން ދެ މީހުން ވެސް ބޭނުންވަނީ ކައިވެނި ކުރާން. ކާފަގެ ރުހުން އަޅުގަނޑުމެންނަށް މުހިންމު. މިހާ ދުވަހު ވެސް މަޑުކުރަމުން އައީ އަޅުގަނޑުމެންގެ ކައިވެންޏަށް ކާފަ ރުހުންދޭނެ ކަމަށް. އަޅުގަނޑު ކާފަ ގާތު އާދޭސްކުރަން. މި ކައިވެންޏަށް ރުހި ދީ ކާފާ." ސޫޒަން ރޮމުން އާދޭސް ކުރާ ރާގެއްގައި ދެ އަތް ޖޯޑުކޮށް ވާހަކަދެއްކި އެވެ. އާސިފް އައިސް ހުއްޓިލީ ސީދާ ސޫޒަންގެ ކުރިމަތީ އެވެ. އެ މޫނުގައި ހަމްދަރުދީގެ އަސަރެއް ނުވެ އެވެ. އޭނާއަށް ސޫޒަންގެ ނިފާގުކަން އެނގެނީ އެވެ.
"ކައިވެންޏަށް ޤަބޫލުވާށޭ... މީނދަ ނުލަފާ އަންހެނާ. ކަލޭގެ ލަދެއް ވެސް ނެތީތަ." އާސިފަށް ރުޅިގަނޑު ނުހިފެއްޓިގެން ސޫޒަންގެ ކޯތާފަތުގައި ޖަހައިފި އެވެ. މޫނުގައި ވަގުތުން އަތްއަޅާލަމުން ސޫޒަންގެ ރުއިން ގަދަވި އެވެ.
"އަހަރެންގެ އަނބިމީހާ، އިޒީކިއަލްގެ މާމަ މަރާލި މީހަކީ ހަމަ ކަލޭ. ނުވީތާކަށް އަހަރެންގެ ހުރި ހަމައެކަނި ކާފަ ދަރިފުޅާއި އަހަރެންނާ ދެމެދު ގުޖަޑުއުފެއްދި މީހަކީ ވެސް ތީ. އެ ހުރިހާ ކަމަކަށްފަހު އަދިވެސް އަހަރެންވީ ކަލެއަށް އެއްބާރުލުން ދޭންތަ؟. ތި ކައިވެންޏަށް ކޮންގޮތަކުން އަހަރެންނަށް ރުހެވޭނީ." އާސިފުގެ އަޑު އިހުނަށްވުރެ ބާރުވެލި އެވެ.
"އަހަރެން ސޫޒަން ދޫކޮށްލީ ބަލީގެ ސީރިއަސް ކަމުން. ދުނިޔޭގައި ހުންނާނޭކަމުގެ އުންމީދު ގެއްލެމުންދާ އަންހެންކުއްޖެއްގެ ކިބައިން ހިފޭނީ ކޮންބަދަލެއްހޭ އަހަރެންގެ ޟަމީރު ބުނީތީ. އަހަރެން ކަލެއާ މެދު ހަމްދަރުދީ ނުވަންތަ؟. އަހަރެން ކަލެއަށް އުޅޭވޭނެހާ ފައިސާ ނުދޭންތަ؟. އަހަރެންގެ ގެއިން ނެރިލީމާ ވެސް ކަލޭގެ ކިބައިން އަހަރެންނަށް ސަލާމަތެއް ނުވެވުނު. ކަލޭ ބޭނުންވަނީ ހުރިހާ ކަމެއް އަލިފުން ޔާޔަށް އަހަރެންގެ ދުލުން ހާމަކުރަންތަ... ހުރިހާ ހަޤީޤަތެއް އެނގި ފާޅުވެއްޖެކަން ކިޔަދޭންވީތަ؟. ބުނެބަލަ... މިހާރުން މިހާރަށް ވެސް އަހަރެން ހުރިހާ ތަފުޞީލެއް ކިޔާލަފާނަން." ސޫޒަންއާ ދިމާއަށް ގުދުވެލަމުން ރުޅިވެރިކަމުން ފުރިފައިވާ ހަރުކަށިކަމާއެކު އާސިފު ވާހަކަދައްކަމުން ދިޔަ އެވެ.
ކޮޓަރީގެ ދޮރުމަތިން އަޑުގަދަވި އެވެ. ދެން ފެނުނީ ކުއްލިއަކަށް ދޮރު ތަންމިނަށް ކޮށްޕާލާފައި އެތެރެއަށް އިޒީކިއަލް ވަންތަނެވެ. ދިލަނަގަމުންދިޔަ ކޯތާފަތުގައި އަތްތިލަ ޖައްސާލައިގެން އިނދެ ރޮމުންދިޔަ ސޫޒަން ފެނުމާއެކު ކާފާއޭ ކިޔާ އިޒީކިއަލްއަށް ގޮވާލެވުނީ ނިކަން ބާރަށެވެ. އާސިފު ހިންދެމިލީ ދެނެވެ. ހަލުވި ފިޔަވަޅުގައި އެ އައިގޮތަށް ސޫޒަން އިން ގޮނޑިން އޭނާ ނަގައި އިޒީކިއަލްގެ އަތުގެ ހިމާޔަތަށް ގެނެސްފި އެވެ.
"ސޫޒީ. އާ ޔޫ އޯކޭ." ސޫޒަންގެ އެތަންމިތަނަށް ބަލަމުން އިޒީކިއަލް އަހާލީ ހާސްވެފައި ހުރެ އެވެ.
"އައިމް ފައިން... އިޒީ... ކައިވެނި." ކަރުނަ ނުހިކޭ ދެ ލޮލުން އިޒީކިއަލްއަށް ބަލަން ހުރެ ސޫޒަން ބުންޏެވެ. ހިތުގައިޖެހިފައި ހުރުމުން އޭނާއަށް ވާހަކަދައްކަން ވެސް އުނދަގޫވެފައި ހުރިއްޔޭ އިޒީކިއަލް ހިތަށް އެރި އެވެ. އިތުރަށް އޭނާގެ ހިތުގައި ސޫޒަންގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ.
"ޑޯންޓް ވޮރީ. އެނބުރި ގޮސް ކައިވެނި ކުރާނީ. އެއްވެސް ކަމެއް ކެންސަލްއެއް ނުވާނެ." އިޒީކިއަލް ޔަޤީންކަން ދިނެވެ.
"ހެދެން ތިއުޅެނީ ކިހާވަރެއްގެ ބޮޑު ގޯހެއްކަން އެނގޭތަ؟." އާސިފަށް ބުނެވުނެވެ.
"ދެންހެޔޮ ކާފާ. ސޫޒަން ތިގޮތަށް ނަގައިގަނެގެން ގެނުމަކީ ގާނޫނީ ކުށެއް. އެއީ ކިޑްނެޕްކުރުން. ސޫޒަން ކުރީ ކޮންކުށެއްތަ؟. މިއަދަކީ އަޅުގަނޑު ސޫޒަންއާ ކައިވެނި ކުރާން ހަމަޖައްސާފައި އޮތް ދުވަސް." އިޒީކިއަލް ނުރުހުން ފާޅުކުރި އެވެ. އޭނާގެ ނިންމުން ދެން އާސިފަކަށް ވެސް ބަދަލެއް ނުކުރެވޭނެޔޭ ބުނާ ފަދަ އެވެ.
"ކާފާއޭ... އިޒީކިއަލްއަށް އެނގޭތަ ކާފައެއް ހުރިކަން. ކޮންއިރަކު އެންމެފަހުން މި ކާފައާ މަޑުމައިތިރިކަމާއި އިޚްތިރާމާއެކީ ވާހަކަދައްކާލީ. ތީތަ ދަރިފުޅަށް އަހަރެން ދިން ތަރުބިއްޔަތަކީ. މި އާސިފުގެ ސަބަބުން އިޒީކިއަލް މީހަކަށްވީ. ޢާއިލީ ނަމަކާއި ގަދަރާއި އިއްޒަތާއި ޝަރަފު ލިބުނީ..." އާސިފު ވާހަކަދައްކަދައްކާ ހުއްޓާ ސޫޒަން ގޮވައިގެން އިޒީކިއަލް އެނބުރިލީ އެތަނުން ނުކުންނާށެވެ.
"ރަނގަޅު ސަބަބެއް ނެތްކަން މިހާރު އެނގިއްޖެ. އޮތްނަމަ މިހާރު ބުނެވުނީސް. ކާފައަށް ސޫޒަން ކަމުނުދަނީ. ދެޓްސް އިޓް. ދެން އިތުރަށް ތްރެޓަން ނުކުރިޔަސް އޯކޭ. އަޅުގަނޑު އަމިއްލައަށް ދިރިއުޅެފާނަން. ކާފަގެ މިލްކިއްޔާތުގައިވާ އެކައްޗެއްގައި ވެސް ނުޖެހި އަޅުގަނޑާއި ސޫޒަން އުޅެފާނަން." ކުޑަކޮށް ހީނލާފައި އިޒީކިއަލް ބުންޏެވެ.
"އަހަރެންގެ އިޒުނަ ނުލިބޭނެ ސޫޒަންއާ ކައިވެނިކުރާކަށް. ދުވަހަކުވެސް ނުލިބޭނެ. ތިއުޅެނީ... ތިއުޅެނީ... އަހަރެން މަރު ނުވެގެންތަ." އާސިފަށް ވާހަކަދައްކަން އުނދަގޫވި އެވެ. އޭނާއަށް މޭގައި އަތް އަޅާލެވުނެވެ. ދެން ފެނުނީ މީހާ އަރިއަޅާލައި ކާޕެޓުމައްޗަށް ވެއްޓުނުތަނެވެ. އެއަޑަށް އެ ކޮޓަރިން ނުކުމެނުކުމެ ހުރި އިޒީކިއަލް ވަގުތުން ހުއްޓި ފަސްއެނބުރި ބަލާލައިފި އެވެ. އިޒީކިއަލްއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު ސޫޒަންގެ އަތުން ދޫކޮށްލެވުނީ ކިހިނެއްކަމެއް ވެސް ނޭނގެ އެވެ. ހަލުވިކޮށް އައިސް ކާފަގެ ގާތަށް އޭނާ އައެވެ. ކޮޓަރީގެ ބޭރުގައި ތިބި އާސިފުގެ މީހުން ވެސް އެތެރެއަށް ވަދެއްޖެ އެވެ. އަވަހަށް އެމްބިއުލާންސްއަށް ގުޅަން އިޒީކިއަލް ބުންޏެވެ.
"ސޫޒީ. ޒާހިލް އިރުކޮޅަކުން އަންނާނެ. އޭނާއާއެކީ ގެއަށް ދޭ. އަހަރެން ފަހުން ދާނަން." އިޒިކިއަލް ނިކަން އަވަހަށް ބުނެލި އެވެ.
"އެކަމަކު... އަހަރެމެންގެ ކައިވެނި." ސޫޒަންއަށް ބުނެވުނެވެ. ނަމަވެސް އެ އަޑު އިޒީކިއަލްއަށް އިވުނުހެން ހިޔެއްނުވެ އެވެ. އާސިފު ނަގައިގަނެގެން ގެންދަން ފެށުމުން އޭނާގެ އެންމެ ގާތުގައި އިޒީކިއަލް ހުރެ ހިނގައްޖެ އެވެ. އެމީހުންނާއެކު ދިއުމުގެ ފުރުޞަތެއް ސޫޒަންއަކަށް ނުލިބުނެވެ.
ހޮސްޕިޓަލަށް ގެނެވުމާއެކު އާސިފަށް ފަރުވާދޭން ފެށި އެވެ. އެއްފަރާތުގައި ހުރި ބެންޗުގައި އިޒީކިއަލް އިނީ ކާފަގެ ޚަބަރެއް އޮޅުންފިލާނޭ އިރެއްގެ އިންތިޒާރުގަ އެވެ. ދުވަމުން ކަހަލަ ގޮތަކަށް އައި ސަރީކާއަށް އިޒީކިއަލް ފެނުމާއެކު ދަރިފުޅާ ދިމާއަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. ދުވަހަކު އިޒީކިއަލްގެ ގައިގާ ޖަހާފައިނުވާއިރު ސަރީކާއަށް ޒުވާން ދަރިފުޅަށް އަތް އިސްކުރެވުނެވެ. އިޒީކިއަލްއަށް ވަގުތުން އިސްޖަހާލެވުނީ އެވެ.
"ތީތަ އިޒީކިއަލް ކަންތައް ކުރާން ނިންމި ގޮތަކީ. އެއީ އިޒީކިއަލްގެ ކާފައޭ... އިޒީކިއަލްގެ މައްޗަށް އޭނާގެ ހައްޤުކަން މާބޮޑު. އިޒީކިއަލް އެއް ފަހަރު ވެސް ރުޅިނައިސް ކާފައާ ރީތިކޮށް ވާހަކަދައްކަން މަސައްކަތް ކުރީންތަ؟. ކާފަ އެ ދައްކާ ވާހަކަތަކާމެދު ކުޑަކޮށް ވެސް ވިސްނާލީންތަ؟." ދަރިފުޅުގެ މޫނުގައި ޖެހިއެއް ކަމަކު ތަދު އިޙްސާސް ކުރެވުނީ ސަރީކާގެ ހިތަށެވެ. ފެންކަޅިވީ އޭނާގެ ދެ ލޮލެވެ.
"މަންމާ... އަޅުގަނޑު..." އިސްޖަހާލައިގެން ހުރެ އިޒީކިއަލް ވާހަކައެއް ދައްކަން އުޅުނެވެ. ނަމަވެސް އޭގެ ކުރީން ސަރީކާ އަނެއްކާ ވެސް ވާހަކަދައްކަން ފަށައިފި އެވެ.
"މަންމަ ހީކުރީ އިޒީކިއަލް ބޮޑުވެ ފުރިހަމަ ޒުވާނަކަށްވީމާ ވިސްނުން ވެސް ހަރުދަނާ ވާނޭކަމަށް. މާޒީއަށް ކަންކަން ދޫކޮށްލަން މަސައްކަތް ކުރިޔަށް އެކަން ނުވާނޭކަން މިހާރު އެނގިއްޖެ. އަހަރެމެންނަކީ އިޒީކިއަލް އިތުބާރުކުރާ ބަޔަކަށް މިހާރު ނުވޭ. އަހަރެން ވެސް ހިތަކަށް ނާރާ މިހިސާބަށް ކަންތައް ހިނގައިދާނޭ." މާޔޫސްކަން ސަރީކާގެ އަޑުގައިވި އެވެ.
"މަންމާ... އެހެންނެއްނޫން." އިޒީކިއަލްއަށް ބުނެވުނެވެ.
"އިޒީކިއަލްއަށް އެނގޭތަ... މި މަންމައާއި އިނގިލިކުރީގައި ހިފައިގެން ދަރިފުޅު ބޮޑުވި އެ ކާފައާ... އަހަރެމެން ދެ މީހުންގެ ބަހަށްވުރެ ސޫޒަންގެ ބަސް އިޒީކިއަލްގެ ކުރިމަތީ ވިކޭ. އަހަރެމެންނަށްވުރެ ސޫޒަންއަށް އިޒީކިއަލް އިތުބާރުކުރޭ. އޭނާ ބުނާހާ އެއްޗެއް އެއީ ތެދުކަމުގައި ޤަބޫލުކޮށްލައިގެން ތިހުންނަނީ." ސަރީކާ ބުންޏެވެ.
"މަންމާ. ސޫޒަން ކޮންދޮގެއްތަ ހެދީ. އަޅުގަނޑު ކައިރީ އޭނާ ދޮގެއް ހަދާފައެއްނުވޭ. ސޫޒަންދެކެ އެންމެން ވެސް ލޯބިން އުޅުނީ. ކީއްވެތަ އެ ލޯބި ނަފުރަތަށް ބަދަލުވެގެން ތިއުޅެނީ. މަންމައަކީ މީހުންނަށް ނަފުރަތުކުރާ ވެސް މީހެއްނޫން." އިޒީކިއަލް ވެސް މަންމަގެ ކުރިމަތީ ގޮތް ހުސްވާގޮތްވި އެވެ. ސޫޒަންގެ ކުށެއްނެތްކަމާއި ނިޔަނެތިކަން ހާމަކޮށްދޭން އިޒީކިއަލް މަސައްކަތް ކުރާ ވަރަކަށް މަންމަގެ ތަބީޢަތް ދިޔައީ ގޯސްވަމުންނެވެ. ދަރިފުޅަށް ބަލާލާފައި ސަރީކާ ހީނލީ އިޒީކިއަލް ހާދަ މޮޔައޭ ހިތަށް އަރާފަ އެވެ.
"ސޫޒަންއާ ދެކޮޅަށް އެންމެ ބަހެއް އިއްވާލިޔަސް އިޒީކިއަލްއަށް އަޑުއަހަން ދަތިވޭ. އަހަރެން ކިޔައިދޭން ބޭނުންވިޔަސް އިޒީކިއަލްއަށް ޤަބޫލުކުރެވޭނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. އޭރުން ވެސް އިޒީކިއަލްއަށް ހީވާނީ ސޫޒަންގެ ބޮލުގައި ބޮޑު ތުހުމަތެއް އަޅުވައި އޭނާ ބަދުނާމްކުރާން މަންމަ މަސައްކަތް ކުރަނީއޭ. މަންމައަށް އެނގޭ އިޒީކިއަލްގެ ޤާބިލްކަން އެބަހުރިކަން. އެހެންވީމަ ގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން. އަން... މި ފޮޓޯގައި ހިފާ." ސަރީކާގެ އަތްދަބަހުގެ ތެރެއިން ނެގި ފޮޓޯގަނޑެއް އިޒީކިއަލްއަށް ދިއްކޮށްލި އެވެ.
"މީ ކާކު." ފޮޓޯގައި ފެންނަން ހުރި ފިރިހެންމީހާ ދުށް ހަނދާނެއް ނުވާތީ އިޒީކިއަލްއަށް އަހާލެވުނެވެ.
"ތީ އަފްރާހު. އޭނާގެ ނަން ފިޔަވައި އެކައްޗެއް ވެސް މަންމަ ބުނާކަށް ނެތިން. އިޒީކިއަލްއަށް އަމިއްލައަށް ތަފްޞީލު ހޯދާ. ދެން ބުނަން. މިތާ އިޒީކިއަލް އިންނާނެކަމެއްނެތް. ކާފަ ހޭނަރަނީސް އިޒީކިއަލްގެ މޫނު ދުށުމަށް ވެސް މަންމަ ނޭދެން." މާޔޫސްކަމާއި ރިހުން އެކުލެވިފައިވާ އަޑަކުން ސަރީކާ ބުނެލި އެވެ.
"ތިހެން ނުބުނޭ މަންމާ. އަޅުގަނޑަށް ވެސް އެނގޭ ކާފައަށް އެހެންވުމުގައި އަޅުގަނޑުގެ ކުށް ވެސް އެބައޮތްކަން. މަންމަ އަޅުގަނޑުދެކެ ރުޅިއައިސްފައި ހުރިއްޔާ... މަޑުމަޑުން އަޅުގަނޑަށް ވިސްނައިދީ. އޭރުން އަޅުގަނޑަށް ވިސްނޭނެ. އެކަމަކު ދާށޭ ނުބުނޭ. މޫނު ދެކޭކަށް ވެސް ބޭނުމެއްނެތޭ ނުބުނޭ. ކާފަގެ ހާލު އޮޅުންފިލާނޭ އިރަކަށް އަޅުގަނޑު ވެސް އިންތިޒާރު މިކުރަނީ." އިޒީކިއަލްގެ އަޑުގައި އާދޭސްވި އެވެ.
"ތިހެން ކަމެއްނެތިފައި ހުރެވެން އިޒީކިއަލްއަށް އެބައޮތްތަ؟. ކައިވެނީގެ ކަންކަން އަދި ނުނިމޭ. ސޫޒަން ހުންނާނީ އިޒީކިއަލްގެ އިންތިޒާރުގައި. އަނެއްކޮޅުން ކާފަ... މީ ކާފަގެ އެންމެ ފަހުވަގުތައް ވެއްޖެނަމަ އެކަމަށް ވެސް ތައްޔާރުވާން ޖެހޭނެ. ކާފަގެ ހުރިހާކަމެއްގައި އުޅޭން ވެސް ހުރީ އިޒީކިއަލް. ހުރިހާ އެއްޗެއްގެ ވާރިސަކީ ތީ. އެހެންވީމަ ދޭ... ގޮސް އިޒީކިއަލް ބޭނުން ގޮތަކަށް ބޭނުންކަމެއް ނިންމާ." ދަރިފުޅަށް ބަލާލުމެއްނެތި ސަރީކާ ބުންޏެވެ.
ކާރަށް އެރި ގޮތަށް އިޒީކިއަލްއަށް ކާރު ދުއްވައެއް ނުލެވުނެވެ. ވިސްނާ ފިކުރުކުރެވެނީ އެވެ. މަންމަގެ ނުރުހުމަކީ މީގެ ކުރީން ކުރިމަތިލާން ޖެހުނު ކަމެއްނޫންވީމާ އިޒީކިއަލްއަށް ވަނީ އެކަމުން ވެސް ނުހަނު ބޮޑު އަސަރެއްކޮށްފަ އެވެ. ދެ ލޮލުގައިވަނީ ހިތައިމައިގެ އަސަރެވެ. އޭނާއަށް ރޮވިދާނެ ކަހަލަ އެވެ. ބޮލުގައި އިރުއިރުކޮޅާ އޭނާއަށް އަތް ހާކާލެވެ އެވެ. މޭގައި ފިރުމާލާއިރު އޭނާގެ ހިތަށް ވެސް ދަތިކަން ލިބެނީކަން ގައިމެވެ. އެހާލުގައި އޭނާ ފޯނު ނެގި އެވެ. މީހެއްގެ ގާތްކަމަށް އޭނާ ބޭނުންވެފައިވާ ކަހަލަ އެވެ. އިސްކުރީނުން ފެންނަމުންދިޔައީ މިޔާގެ ނަންބަރެވެ. އިސްކުރީނާ އިނގިލި ކައިރިކޮށްލާފައި އޭނާ ދުރުކޮށްލީ ގޮތެއް ނުނިންމިގެންނެވެ. އޭނާގެ ސިކުނޑީ ތެރޭ މަންމަ ދެއްކި ވާހަކަތައް ތަކުރާރުވަމުން ދިޔަ އެވެ. އަދި މަންމަ ދިން ފޮޓޯގަނޑު ވެސް އޭނާގެ އަތުގައި އެބައޮތެވެ. ހަމައެއާއެކު ސޫޒަން އޭނާގެ އިންތިޒާރުގައި ކައިވެނި ކުރާން ތައްޔާރަށް އިންކަން ވެސް އިޒީކިއަލް ހަނދާން އެބަހުއްޓެވެ. ބޮލަށް ބަރުވެގެން އޭނާ ދެ ލޯ މަރާލި އެވެ. އެހިނދު ލޮލަށް ސިފަވެގެން އައީ މިޔާ އެވެ.
"ޑެމްއިޓް." ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު އިޒީކިއަލްއަށް ބުނެވުނެވެ. ހަމައެއާއެކު ގަސްދަކާނުލާ ފޯނުގެ އިސްކުރީނުގައި އިނގިލި ޖެހި މިޔާގެ ނަންބަރަށް ޑަޔަލް ކުރެވިއްޖެ އެވެ.
(ނުނިމޭ)