ދުނިޔެ

ބަންގްލަދޭޝްގައި ވަޒީފާ ކޯޓާ 30 ޕަސެންޓުން 5 ޕަސެންޓަށް ދަށްކޮށްފި

ބަންގްލަދޭޝްގައި މަދަރުސާ ދަރިވަރުން މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބަކަށް ވެފައި އޮތް ވަޒީފާ ކޯޓާއަށް އެ ގައުމުގެ ސްޕްރީމު ކޯޓުން ވަރަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

މިގޮތުން މީގެ ކުރިން ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ވަކި ބަޔަކަށް ހާއްސަކޮށްފައި އޮތް 30 ޕަސެންޓް ކޯޓާ މިހާރު ވަނީ ފަސް ޕަސެންޓަށް ދަށްކޮށްފަ އެވެ.

ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ކޯޓާ ކަނޑައަޅާ ގާނޫނު ވުޖޫދަށް ގެނައީ 1972 ގައި ބަންގުލަދޭޝްގެ ބާނީ ޝައިޚް މުޖީބުއްރަހްމާން އެވެ. އެއީ އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ބައްޕަ އެވެ.

މި ގާނޫނުގައި އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ޕާކިސްތާންގެ ކިބައިން މިނިވަންވުމަށް ބަންގުލަދޭޝްއިން 1971 ގައި ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންނާއި މުޖާހިދުންނާ އަދި އެ މީހުންގެ ދަރިންނާއި ދަރިންގެ ދަރިންނަށެވެ.

ބަންގްލަދޭޝްގައި މި މަހު ކުރީކޮޅު ދަރިވަރުން ބަސްނޭހުމަކަށް ދިޔައީ، ކޯޓާ ގާނޫނު ބުނާ 30 ޕަސެންޓް ވަޒީފާ ދިނުމުގައި ސަރުކާރު ހިންގާ އަވާމީ ލީގު ޕާޓީގެ ހަރަކާތްތެރިންނަށް ބައިއަޅާތީ އެވެ. އަދި ތައުލީމީ ފެންވަރަށް ބެލުމެއް ނެތި ސިޔާސީ ވާގިވެރިންނަށް ސަރުކާރުން ވަޒީފާ ބެހުމަކީވެސް ދަރިވަރުން ރުޅިގަދަވި ސަބަބެކެވެ.

ދަރިވަރުން ސަރުކާރަށް ނަސޭހަތްތެރިވީ ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދިނުމަށެވެ. ނަމަވެސް ދަރިވަރުންގެ ގޮވާލުމަށް ސަރުކާރުން އިޖާބައެއް ނުދިނެވެ.

ސްޕްރީމް ކޯޓުގެ މި ނިންމުމާ އެކު ބަންގުލަދޭޝްގެ ހަމަނުޖެހުންތައް މިވަގުތަށް ހައްލުވާނެ ކަމަށް ބެލެވެ އެވެ. އަދި ސްޕްރީމު ކޯޓުގެ އަމުރަށް ސަރުކާރުން އަމަލުކުރާހާ ހިނދަކު، މިހާރު މި ހިނގާ ކަހަލަ ހަމަނުޖެހުންތަކެއް ނުހިނގާނެ ކަމަށްވެސް ބުނެވެ އެވެ.

ބަންގުލަދޭޝްގައި ސްކޫލް މަދަރުސާ ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 2،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މުޒާހަރާތައް ހުއްޓުވައި މަސްރަހު އޮމާންކުރުމަށް ސަރުކާރުން މިހާރު ވަނީ މުޅި ގައުމުގައި ކާފިއު ހިންގައި ބަޑިޖެހުމުގެ ހުއްދައާ އެކު އަސްކަރިއްޔާ މަގުތަކަށް ނެރެފަ އެވެ.