ދިރާގު

ދިރާގުން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް ވޯކްޝޮޕް ނިންމާލައިފި

ދިރާގާއި ސްޕާކްހަބް އިން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 – އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 19 އިން އިއްޔެގެ ނިޔަލަށެވެ. މި ހަރަކާތުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 - އައްޑޫ އެޑިޝަންއަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ 'ލީން މެތަޑޮލޮޖީ' އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެކެވެ.

މި ޕްރޮގްރާމަކީ އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދުންނަށް ވިޔަފާރިވެރިކަމާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ އިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުސޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް އެޕްލައި ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފަ އެވެ.

މި ހަރަކާތުގެ ސަބަބުން ކަސްޓަމާ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަންގެ ޒަރިއްޔާއިން ހިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއްވެސް ބައިވެރިންނަށް ލިބިގެން ދިޔަ ކަމަށް ދިރާގުން ބުނެ އެވެ. އަދި ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް ބައިވެރިންގެ ހިޔާލުތައް ޓެސްޓްކޮށް އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާވެސް ވަނީ އެފަރާތްތަކަށް ފޯރުކޮށްދިން ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކުރެވެނީ އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންގެ މުޢާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމު ހަރަކާތްތައްވެސް މި ޕްރޮގްރާމްގައި ބައިވެރިންނަށް ވަނީ ދަސްކޮށްދީފަ އެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު ފާތުމަތު ނީޝާ ވިދާޅުވީ ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގައި ލިބުނު ބޮޑު ތަރުހީބާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނުމުން ވަރަށް އުފާވާ ކަމަށާއި މި ޕްރޮގްރާމް އައްޑޫގައި މިފަހަރު ބޭއްވުމަކީ މުޅި ދިވެހިރާއްޖޭގައިވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް އެފަރާތުން ދޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މި ޕްރޮގްރާމާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އިނޮވޭޝަންގެ ސަގާފަތެއް އުފައްދައި، ލޯކަލް ސްޓާޓްއަޕް އިކޯސިސްޓަމް ގާއިމުކުރުމަށް އެހީތެރިވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު ފޯކަސް ދާއިރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންގެ އާ ޖީލެއް ބާރުވެރިކުރުވުން. އަޅުގަނޑުގެ އުންމީދަކީ މި ޕްރޮގްރާމުން ދަސްވިކަންކަން، ހުރިހާ ބައިވެރިންވެސް އަމަލީ ސިފައެއްގައި ބޭނުންކުރުން،" މިރްޝާން ވިދާޅުވި އެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިން ވަނީ މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކުގައި އަދި ވިޔަފާރިވެރިކަމުގެ ދަތުރަށް ކުރާނެ ހެޔޮ އަސަރުތަކާ ބެހޭ ގޮތުން ހިޔާލު ފާޅުކޮށްފަ އެވެ. މި ޕްރޮގްރާމްގެ ސަބަބުން ޕްރޮޑަކްޓާއި، ހިދުމަތް ފަރުމާކުރުމުގައި، ކަސްޓަމަރުނަށް ހާއްސަ ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމަށް ލޯ ހުޅުވިގެން ދިޔަގޮތްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ދިރާގާއި ސްޕާކްހަބުން، ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރުދިނުމަށާއި ސްޓާޓްއަޕް ސަގާފަތެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.