ދުނިޔެ

އދގެ އަންރާ ބަންދުކުރަން އިޒުރޭލުން ތިން ބިލެއް ފާސްކޮށްފި

އދގެ ރެފިއުޖީ އެޖެންސީ -- އަންރާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމާއަތުން އިސްނަގައިގެން ފަލަސްތީންގައި އެއްވެސް ހަރަކާތެއް ހިންގުން މަނާކުރުމަށް އިޒުރޭލު ސަރުކާރުން ގާނޫނު ހަދާ މަޖިލީސް -- ކްނަސެތަށް ހުށަހެޅި ތިން ބިލެއް ފާސްކޮށްފި އެވެ.

ކްނަސެތަށް ހުށަހެޅި ތިން ބިލުގެ ތެރެއިން ފުރަތަމަ ބިލުގައި ބުނަނީ އިޒުރޭލުގެ ބާރު އޮންނަ އެއްވެސް ސަހަރައްދެއްގައި -- ޔޫއެން އެޖެންސީ ފޮ ޕަލެސްޓީނިއަން ރެފިއުޖީޒް (އަންރާ) އަށް އެއްވެސް ހަރަކާތެއް ހިންގައި ހިދުމަތެއް ނުދެވޭނެ ކަމަށެވެ.

ދެވަނަ ބިލުގައި ބުނަނީ އަންރާގެ މެމްބަރުންނަށް އދއިން ދީފައި ހުރި ބާރުތައް ހަނިކޮށް އަދި ބައެއް މެމްބަރުން ރަށުން ބޭލޭނެ ކަމަށެވެ. އަދި އަންރާގެ މެމްބަރެއްގެ ގޮތުގައި އިޒުރޭލުގެ އެއްވެސް ހިސާބެއްގައި ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ.

ތިންވަނަ ބިލުގައި އޮންނަނީ އަންރާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމުމަށެވެ. އަދި އިޒުރޭލުން އެ ޖަމާއަތާ ގުޅުން ކަނޑާލަން ޖެހޭ ކަމަށްވެސް އޮވެ އެވެ. ސަބަބަކީ އެއީ ޓެރަރިސްޓް ޖަމާއަތަކަށް ވާތީ އެވެ.

ކްނެސެތުގެ އާންމު މެމްބަރުން މި ތިން ބިލު ފާސްކުރުމާ އެކު ދެން ދާނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށެވެ. އެ ކޮމިޓީގައި ބަހުސްކުރުމަށްފަހު ދެން ދާނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށެވެ.

އިޒުރޭލުން މީގެ ކުރިންވެސް ވަނީ އަންރާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް ގާނޫނީ ހަމަތަކުން އަމަލުކުރަން ފެށުމުން އަންރާއާ މެދު ގާނޫނީ ފިޔަވަޅު އެޅުން ތަންފީޒީ ބާރުތަކަށް ފުރުސަތު ލިބޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގާނޫނަކުން ފާސްކޮށްގެން ނަމަވެސް އިޒުރޭލުން ބޭނުންވަނީ އަންރާ މުޅިން ބަންދުކުރާށެވެ. ސަބަބަކީ މިއީ އދގެ އޮނިގަނޑުގެ ތެރެއިން ފަލަސްތީނަށް އެހީތެރިކަށް ފޯރުކޮށްދޭ ހަމައެކަނި އެޖެންސީއަށް ވުމެވެ.

ރެފިއުޖީންނަށް އެހީދިނުމަށްޓަކައި އަންރާ އުފެއްދީ 1949 ގައެވެ. އަންރާއިން އެހީވުމަށް މައިގަނޑު ފަަސް ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ. އެއީ ސީރިއާ، އުރުދުން، ލުބްނާން ހުޅަނގެ އައްސޭރި އަދި ޣައްޒާ އެވެ.

އިޒުރޭލުން އަންރާ ބަންދުކުރުމުން ޣައްޒާގައި އަދި ހުޅަނގު އައްސޭރިގައި ވެސް އޮފިޝަލުންނަށް ހަރަކާތްތެރިއެއް ނުވެވޭނެ އެވެ. މިހެންކަމުން ފަލަސްތީންގައި ހާލުގައިޖެހޭ މީހުންނަށް އަޅާލާނެ ގޮތެއް އދ އަކަށް ނޯންނާނެ އެވެ.