ބޭރު ކުޅިވަރު

މަޝްހޫރު އެތައް ކުޅުންތެރިން ގައުމީ ޓީމާ ދުރަށް

ހިނގަމުން މިދާ ޖުލައި މަހަކީ މުޅި ދުނިޔެއަށްވެސް ފުޓްބޯޅައިގެ އީދެކެވެ. ޔޫރަޕާއި އެމެރިކާ ބައްރުގައި ތިބި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ މީހުންގެ ގައުމީ ޓީމާ އެކު ފެނިގެން ދިޔަ ދެ މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕާ އެމެރިކާ ނިމިގެން ދިޔައީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މި މުބާރާތް ނިމިގެން ދިޔައީ އެއްގޮތަކުން ފުޓްބޯޅައިގެ އެތައް ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެވެ. ސަބަބަކީ މިއަހަރުގެ ޔޫރޯއާއި ކޮޕާ އެމެރިކާ މުބާރާތަށްފަހު ނަން މަޝްހޫރު އެތައް ކުޅުންތެރިން ގައުމީ ޓީމުން ރިޓަޔާކޮށްފައިވާތީ އެވެ. އެގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި މަޝްހޫރު ކުޅުންތެރިންނަށް ބަލާލާނަމެވެ.

ޑި މާރިއާ

އާޖެންޓީނާގެ ހުނަރުވެރި ފޯވާޑު އަންހެލް ޑި މަރިއާގެ ބައިވެރިވުމާއެކު މިއަހަރު ގައުމަށް ދެވަނަ ކޮޕާ އެމެރިކާ ހޯދައިދިނުމަށްފަހު ވަނީ ރިޓަޔާކޮށްފަ އެވެ. ޑި މަރިއާ ރިޓަޔާ ކޮށްފައިވަނީ އާޖެންޓީނާއަށް ދުނިޔޭގެ ފެންވަރުގެ ތިން މުބާރާތް ކާމިިޔާބު ކޮށްދީފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި މިމަހުގެ 14 ވަނަ ދުވަހު ނިމުނު ކޮޕާ އެމެރިކާ އެވެ. މިއަހަރުގެ މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި ޑި މަރިއާގެ ހިއްސާ ވަރަށް ބޮޑެވެ.

ތޯމަސް މުލާ

ޖަރުމަނުގެ ހުނަރުވެރި، ކާމިޔާބު މިޑްފީލްޑަރު ތޯމަސް މުލާވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. މިއަހަރުގެ ޔޫރޯ މުބާރާތުގައިވެސް ޖަރުމަނުގެ ޓީމުން ޖާގަ ހޯދި މުލާ ގައުމީ ޓީމަށް ކުޅެން ހުއްޓާލާފައި މިވަނީ 14 އަހަރު އެ ޓީމަށް ކުޅުމަށްފަހު އެވެ. 2014 ވަނަ އަހަރު ވޯލްޑްކަޕް ނެގި ޖަރުމަނުގެ ޓީމުގައިވެސް މުލާ ހިމެނިފައި ވެއެވެ.

ޓޯނީ ކްރޫޒް

ޖަރުމަނު ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކާފައިވާ ކްރޫޒް ވެސް ގައުމީ ޓީމުން ރިޓަޔާ ކުރި ކަން ވަނީ އިއުލާންކޮށްފަ އެވެ. އޭނާ ވަނީ ޖަރުމަނު ޓީމާ އެއްކޮށް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އުމުރުން 34 އަހަރުގެ ކްރޫޒް ވަނީ ރިއާލް މެޑްރިޑް ވެސް ދޫކޮށްލާފަ އެވެ.

ޖަރުދާން ޝަކީރީ

ސްވިޒަލޭންޑުގެ ގައުމީ ފުޓުބޯޅަ ޓީމުގެ އެއް ތަނބު ޖަރުދާން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިއަހަރުގެ ޔުރޯއަށް ފަހު އެވެ. ޔޫރޯ މުބާރާތުގައި އެންމެ ރީތި ކުޅުމެއް ދެއްކި ސްވިޒަލޭންޑުގެ ސްކޮޑުގައިވެސް ހިމެނުނު ޝަކީރީ ވަނީ 14 އަހަރު ސްވިޒަލޭންޑުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

އޮލިވިއާ ޖިރޫޑު

ފްރާންސްގެ ގައުމީ ޓީމުގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން އޮލިވިއާ ޖިރޫޑުވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. ނިމިދިޔަ ޔޫރޯ މުބާރާތުގައި ފްރާންސްގެ ޓީމުން ޖާގަ ހޯދި ސްޓްރައިކަރު އޮލިވިއާ ޖިރޫޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ކުލަބް ފެންވަރުގައި އަންނަ ސީޒަނުގައި އެމެރިކާގެ އެމްއެލްއެސް ލީގުގެ އެލްއޭއެފްސީ އަށް ކުޅެން ވަނީ ނިންމާފަ އެވެ.

ތިއާގޯ އަލްކަންޓާރާ

ލިވަޕޫލާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި އެކު އެ ކުލަބު ދޫކޮށްލާފައިވާ ސްޕެއިންގެ ތަރި ތިއާގޯ އަލްކަންޓާރާވެސް މިމަހު ވަނީ ރިޓަޔާ ކޮށްފަ އެވެ. އުމުރުން 33 އަހަރުގެ ތިއާގޯ 2020 ވަނަ އަހަރު ލިވަޕޫލާ ގުޅުނުއިރު އޭނާއަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތި ލާން ޖެހިފަ އެވެ. އެހެންވެ ސްޕޭން އިން މިއަހަރަށް އެކުލަވާލި ޔޫރޯ ސްކޮޑްގައިވެސް އޭނާ ނުހިމެނެ އެވެ.

މީގެ އިތުރުން ވެސް ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ވަރަށް އަވަހަށް ކުޅުން ހުއްޓާލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ބައެއް ކުޅުންތެރިން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ރިޓަޔާކޮށްފައިވާ ކުޅުންތެރިން ތަކެއް އެބަތިއްބެވެ. މީގެތެރޭގައި އުރުގުއޭގެ ލުއިސް ސުއަރޭޒް، ޕޯޗުގަލްގެ ޕެޕޭ، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް، އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ހިމެނެ އެވެ. ޕޯޗްގަލް ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާގެ ލިއޮނަލް މެސީ ރިޓަޔާ ކުރާ ވާހަކަ ދެކެވުނު ނަމަވެސް މި ދެ ކުޅުންތެރިން ރަސްމީކޮށް އަދި އެކަން އިއުލާނެއް ނުކުރެ އެވެ.