ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް އެލްއޯއީގައި ސޮއިކޮށްފި

މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޗައިނާއާ އެކު ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާގައި އިއްޔެ އޮތް ރަސްމިއްޔާތެއް ގައެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަން ޒަހޯހުއި އެވެ.

އެލްއޯއީގައި ސޮއި ކުރުމާ ގުޅިގެން މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީޒް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ލަސްތަކެއް ނުވަ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓަރު މުއްތަލިބް ޗައިނާއަށް ވަޑައިގެން އުޅުއްވަނީ އިތުރު ދެ ވަޒީރަކާ އެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ޗައިނާގެ ކަމާ ގުޅޭ ފަރާތްތަކަށް އޮޅުންފިލުއްވައި ދީގެން ރާއްޖެއަށް ބޭނުންވާ މާލީ އަދި އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޗައިނާގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައެވެ. މިމަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ޗައިނާ އިން ވަނީ ނިންމާފަ އެވެ.