ފިނިޕޭޖް

ހެރީ ޕޮޓާގެ ސިކުނޑި ޖޭކޭ ރޯލިންގް: ފަގީރު ދިރިއުޅުމަކުން ބިލިއަނަރަކަށް

ހެރީ ޕޮޓާގެ ފެންޓަސީ ވޯލްޑްގެ މުއައްލިފާ ޖޭކޭ ރޯލިންގްގެ ނަން މިހާރުގެ ގިނަ ޒުވާނުންނަށް އެނގޭނެ އެވެ. ފަރިތަވާނެ އެވެ. އެކަމަކު މިއަދު އޭނާ އެ ހުރި މަގާމަށް އައުމަށް ކުރި އުދަނގޫ ދަތުރު އެނގޭ ހެއްޔެވެ. ނޭނގޭނަމަ މިލިޔުން ކިޔާލާށެވެ.

އިނގިރޭސިވިލާތަށް އުފަން އުމުރުން 58 އަހަރުގެ ޖޭކޭ ރޯލިންގް ކުރިން އުޅެފައިވަނީ ވަރަށް ފަގީރު ދިރިއުޅުމެކެވެ. ބައެއް ފަހަރު ކާނެ އެއްޗެއް ނުލިބި ހައިހޫނުކަން ތަހައްމަލު ކުރަން ޖެހުނެވެ. ހެރީ ޕޮޓާ ފޮތް ލިޔެ އެތައް ބަޔަކަށް ހުށަހެޅި ނަމަވެސް 12 ފަހަރު އެ ފޮތް ރިޖެކްޓް ކުރި އެވެ. މި ދަތި ދުވަސްވަރުގައި އޭނާގެ ކައިވެނި ވެސް ރޫޅުނެވެ.

އުމުރުން 30 އަހަރުގައި އޭނާ ދިރިއުޅުން މަތިން މާޔޫސްވެ އަމިއްލައަށް މަރުވާން ވެސް ވިސްނި އެވެ. ލިބުނު ހިތްދަތިކަމާއި ގުޅިގެން ޑިޕްރެޝަން އަދި އެންޒައިޓީގެ ނަފްސާނީ ބަލި ތަހައްމަލުކުރަން ޖެހި އެކަމަށް އެތައް ފަހަރަކު ފަރުވާ ހޯދި އެވެ.

ނަމަވެސް އުއްމީދު ކަނޑައެއް ނުލަ އެވެ. އޭނާގެ ހިތްވަރާއި ބުރަ މަސައްކަތުން ހެރީ ޕޮޓާ ސީރީޒްގެ ފޮތްތައް މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދި އެވެ. އެއްފަހަރާ އެތައް މިލިއަން ފޮތް ވިކި ހުސްވެސްވި އެވެ. މިއަދު ޖޭކޭ ރޯލިންގް އަކީ ލިޔުންތެރިންގެ ތެރެއިން ދުނިޔޭގެ ފުރަތަމަ ބިލިއަނަރެވެ.

އޭނަގެ ފުރަތަމަ ފޮތް ކަމުގައިވާ ހެރީ ޕޮޓާ ނެރުނު ފުރަތަމަ ދުވަހު 11 މިލިއަން ކޮޕީ އެއްފަހަރާ ވިކި ހުސްވި އެވެ. މިހާރު ވެސް ހެރީ ޕޮޓާ ވާހަކަ ސީރީޒްއަށް އޮތް މަގުބޫލުކަން ކުޑައެއް ނޫނެވެ.

ވާނާ ބްރަދާސް އާއި ގުޅިގެން ހެރީ ޕޮޓާ ފޮތުގެ މައްޗަށް ފިލްމު ސީރީޒްއެއް ވެސް އުފެއްދި އެވެ. އެ ފިލްމުތައްވެސް އެތައް ބައެއްގެ ލޯބި ހޯދި އެވެ. ހެރީ ޕޮޓާ ބްރޭންޑުގެ އަގު މިއަދު އުޅެނީ 15 ބިލިޔަން ޑޮލަރު ގައެވެ.

ބުރަ މަސައްކަތުން ތަނަވަސް ދިރިއުޅުމެއް ލިބުނު ނަމަވެސް ޖޭކޭ ރޯލިންގް ކުރިން އުޅުނު ދަތި ހާލު ހަނދާން ނައްތައެއް ނުލަ އެވެ. އޭނާ ފަގީރުންނާއި ބޭނުން ޖެހިފައިވާ ނިކަމެތިންނަށް އެހީވަނީ ހައްދެއް ނެތް މިންވަރަށެވެ. އޭނާގެ ދީލަތި އެހީތަކުގެ ސަބަބުން ބިލިއަނަރުކަމުގެ ސްޓޭޓަސް ވެސް ގެއްލުނެވެ.

ޖޭކޭ ރޯލިންގްގެ މި ހިތްވަރުގަދަ ވާހަކައިން އެނގެނީ އުއްމީދު ކަނޑާނުލައި މަސައްކަތް ކޮށްފިނަމަ، ކާމިޔާބު ހޯދޭނެ ކަމެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމުގެ މުހިއްމު ކަމެވެ.