ހިލަރީ ކްލިންޓަން

މިޗިގަން ޕްރައިމަރީގައި ހިލަރީގެ މައްޗަށް ސެންޑާސް ކުރި ހޯއްދަވައިފި

އިއްޔެ މިޗިގަންގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ހިލަރީ ކްލިންޓަންގެ މައްޗަށް ބާނީ ސެންޑާސް ކުރި ހޯދައިފި އެވެ. ޑިމޮކްރެޓިކް ޕާޓީގެ އެންމެ ގިނަ ބައެއްގެ ތާއީދު މިހާތަނަށް ލިބިފައިވާ ހިލަރީގެ މައްޗަށް ސެންޑާސް ކުރި ހޯދީ ކުޑަ އިންސައްތައެއްގެ ތަފާތުން ނެވެ.

މިޗިގަންގެ އިންތިހާބު ކާމިޔާބު ނުކުރެވުނު ނަމަވެސް މިސިސިއްޕީގެ އިންތިހާބު ހިލަރީވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފަ އެވެ. އެއީ ވޯޓުލީ މީހުންގެ 82.6 ޕަސަންޓު މީހުންގެ އަގުލަބިއްޔަތުންނެވެ. ކަޅު ނަސްލުގެ މީހުން އުޅޭ އެ ސިޓީގެ ކޮންމެ 10 ވޯޓަކުން ނުވަ ވޯޓު ދީފައިވަނީ ހިލަރީ އަށެވެ.

މިހާތަނަށް ހިލަރީއަށް ލިބިފައި ހުރި ކާމިޔާބު ތަކަށް ބަލާއިރު ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކީ ހިލަރީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހިލަރީ ކުރި ހޯއްދަވާއިރު ރިޕަބްލިކަން ޕާޓީގެ ފަރާތުން ބިލިއަނަރު ޑޮނަލްޑް ޓްރަމްޕްވެސް ދަނީ ގިނަ ބައެއްގެ ވޯޓު ހޯދައި ތާއީދު ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ޓްރަމްޕް ވަނީ މިޗިގަން އަދި މިސިސިއްޕީގެ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ދެ ކެނޑިޑޭޓުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ހިލަރީ އާއި ޓްރަމްޕެވެ.