ރެއާލް މެޑްރިޑް

އެއްބިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބަކަށް ރިއާލް

ރެއާލް މެޑްރިޑުން މިދިޔަ ސީޒަންގައި އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދާފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.

މިއާއެކު ރިއާލް މެޑްރިޑް ވެފައި މިވަނީ މުޅި ދުނިޔޭގައި ވެސް އެއްބިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން ނެރުނު މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، އެ ކްލަބަށް އާމްދަނީގެ ގޮތުގައި ލިބުނު 1.073 ބިލިއަން ޔޫރޯގެ ތެރޭގައި ކުޅުންތެރިން ވިއްކައިގެން ލިބުނު ޓްރާންސްފާ ފީ ނުހިމެނެ އެވެ. އަދި މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް އެކްލަބުން ބުނެ އެވެ.

ފޯބްސް އިން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްގެ އަގު 6.07 ބިލިއަން ޑޮލަރުގައި ގިންތިކުރިއިރު މިއީ މުޅި ދުނިޔޭގެ 11 ވަނައަށް އެންމެ އަގުހުރި ކުޅިވަރު ޓީމެވެ. މީގެ އިތުރުން ރިއާލް އަކީ އެންމެ އަގުހުރި ފުޓްބޯޅަ ކްލަބެވެ.

ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް އަދި އެންމެ މުއްސަނދި ފުޓުބޯޅަ ކްލަބަކީ ރިއާލް އެވެ. ޔޫރަޕުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކްލަބަކީ ރިއާލް ކަމާއި މެދުގައި ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި ނަގައި، ޖުމްލަ 15 ފަހަރު ޔޫރަޕުގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ.