އަންހެނުން

އަންހެނުންގެ ހާލަތު ރަނގަޅު ކުރަން އުރީދޫން ޑަބްލިއުއޯބީއާ ގުޅިއްޖެ

Mar 9, 2016

އަންހެނުންގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އުރީދޫއިން ވިމެންސް އޮން ބޯޑް (ޑަބްލިއުއޯބީ) އާ ގުޅިއްޖެ އެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އަންހެން ކަނބަލުންގެ ކުރިއެރުމަށް އާ ފުރުސަތުތައް ހޯދައިދީ، އެ ބޭފުޅުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގެ ގޮތުން، ވިމެން އޮން ބޯޑްސް އާއި ގުޅިގެން މަސައްކަތް ކުރުމުގައި ޕްލެޓިނަމް ޕާޓްނަރއަކަށްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއޯބީއަކީ އަންނަން އޮތް ޖީލުތަކުގެ އަންހެނުން އިގްތިސާދީގޮތުން ބާރުވެރިކޮށް، ރާއްޖޭގެ އެކި ފަންތީގެ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި އެންޖީއޯއެކެވެ.

"...މި ޕާޓްނަޝިޕްގެ ދަށުން، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި މި ދެ މުއައްސަސާ އިން ހިންގޭ ހަރަކާތްތަކުގައި ދެފަރާތުން ވެސް އެއްބާރުލުންދޭނެ އެވެ،" އުރީދޫން ބުންޏެވެ.

އުރީދޫން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ބާސެލޯނާގައި ބޭއްވުނު މޮބައިލް ވާލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސް އިންވަނީ މޮބައިލް އިންޑަސްޓްރީގައި ޖިންސީ ފަރަގު ކުޑަކުރުމަށްޓަކައި "ކަނެކްޓަޑް ވިމެން ކޮމިޓްމަންޓް" ގައި ސޮއިކުރެއްވި އެންމެ ފުރަތަމަ ޖީއެސްއެމްއޭ އޮޕަރޭޓަރުންގެ ތެރޭ ހިމެނިފަ އެވެ.

އދ ގެ ދެމެހެއްޓެނިވި ތަރައްގީ ލަނޑުދަނޑިކަމަށްވާ ޖިންސީ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި އަންހެން ކަސްޓަމަރުންގެ އަދަދު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމުގައި މި ކުންފުނިތަކުން އެކުގައި މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"...މިގޮތުން އުރީދޫ އިން އިސްކަންދޭނެ ދާއިރާތަކުގެ ތެރޭގައި، ތައުލީމީ ޕްރޮގްރާމްތަކާއި އިންޓަރއެކްޓިވް ކޮންޓެންޓް މެދުވެރިކޮށް އަންހެނުންގެ ޑިޖިޓަލް ލިޓެރަސީ ކުރިއެރުވުމާއި، މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން ޖިންސީ ހަމަހަމަކަމަށް ބާރުއެޅުމާއި، އަންހެނުން ޓެކްނޮލޮޖީ ދާއިރާ އިން ކުރިއެރުމަށް ތަރުޙީބުދީ ބާރުވެރިކުރުން ހިމެނެ އެވެ،" އުރީދޫން ބުނެފައިވެ އެވެ.