ހަބަރު

ދެކުނު އޭޝިއާގައި އެންމެ ބާރުގަދައީ ރާއްޖޭގެ ޕާސްޕޯޓް

ދެކުނު ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިވެހިރާއްޖެއިން ދަމަހައްޓައިފި އެވެ.

ދިވެހިރާއްޖޭގެ ޕާސްޕޯޓް ވަނީ ފާއިތުވި ތިން އަހަރުވެސް ހިފެހެއްޓި ގޮތަށް މިއަހަރުވެސް ބާރުގަދަ ތަސައްވުރުއް ދަމަހައްޓާފަ އެވެ.

ހެންލީ އެންޑް ޕާޓްނަސް އިން ކޮންމެ އަހަރަކުވެސް ޕާސްޕޯޓް ރޭންކްތަކާއެކު ޕާސްޕޯޓް އިންޑެކްސް ނެރެ އެވެ. އެ އިންޑެކްސްގައި ދައްކާ ގޮތުން މިދިޔަ އަހަރުގެ ރޭންކިންއާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ޕާސްޕޯޓް ވަނީ މިއަހަރުގެ ރޭންކިންގައި ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ.

ރާއްޖޭގެ ރޭންކް މިދިޔަ އަހަރު 61 ވަނައިގައި އޮތް އިރު މިއަހަރު އޮތީ ރޭންކުގެ 59 ގައެވެ.

ރާއްޖޭގެ ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި 94 ގައުމަކަށް ދަތުރުކުރެވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެވަނައިގައި އޮތީ 82 ވަނައިގައި އޮތް އިންޑިއާ އެވެ. ތިންވަނައިގައި އޮތް ބޫޓާން 87 ވަނައިގައި ރޭންކްކޮށްފައިވާއިރު ސްރީލަންކާ އޮތީ 93 ގައި ރޭންކްކޮށްފަ އެވެ. ބަންގްލަދޭޝް 97 ގައި އަދި ނޭޕާލް އޮތީ 98 ގައި ރޭންކް ކޮށްފަ އެވެ.

މިއަހަރުގެ ރޭންކިންގެ އެއްވަނަ ސިންޕޫރު ހޯދާފައިވަނީ ކުރިން އެ މަގާމުގައި އޮތް ޖަޕާން ފަހަތަށް ޖެއްސުމަށްފަހު އެވެ. ސިންގަޕޫރުން ޖުމްލަ 195 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވެ އެވެ.