ކ. ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީ ކުރަން ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި، އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައި ރަޖިސްޓްރީކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، މާލޭގެ ދެކުނުން އޮންނަ އެނބޫދޫ ފަޅާ ޖެހިގެން އޮތް، ފުށިދިއްގަރު ފަޅު ނިއު ޒީލެންޑް ވިޔަފާރިވެރިއެއްގެ ކުންފުންޏެއް ކަމަށްވާ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ،50 އަހަރަށް ކުއްޔަށް ދޭން ސޮއި ކޮށްފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އުފައްދަންޖެހޭ ޖޮއިންޓްވެންޗާ ކުންފުނި ރަޖިސްޓްރީ ކުރީ 2014 ވަނަ އަހަރު އެވެ. ކުންފުނި ރަޖިސްޓްރީކުރުން ލަސްވީ، އިކޮނޮމިކް މިނިސްޓްރީން އެކަން ލަސްކުރުމާ ގުޅިގެންނެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށް ދޭން އެއްބަސްވި މައްސަލަ ތަހުގީގުކޮށް އޭސީސީން މިއަދު ނެރުނު ބަޔާނެއްގައ ބުނީ، ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލުންނާއި، 2011 ނޮވެމްބަރުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިގެންކަން ފިނޭންސް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލިހުން އެގޮތަށް ނިންމުމާ ގުޅިގެން ފަޅު ކުއްޔަށްދިނުމަށް 2013 ވަނަ އަހަރު ސަރުކާރާއި އެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަރުކާރު ބަންދު ދުވަހެއްގައި، ޓްރޭޑާސް ހޮޓެލްގައި ކަމަށް ބުނެފައި ވީނަމަވެސް، އެކަން ސާބިތުކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ލިބިފައިނުވާ ކަމަށެވެ.
ޓޫރިޒަމް ޒޯނެއްގެގޮތުގައި އެ ފަޅު ތަރައްގީ ކުރަން އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ ކެބިނެޓުން ފާސްކުރިއިރު، އެ މަޝްރޫއު ކުރިއަށް ގެންދެވޭނީ ދިވެހި ސަރުކާރުން 50 ޕަސެންޓް ހިއްސާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ކުންފުނި އުފައްދަން 2013 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައި އެ ކުންފުނީގައި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކުރި އެވެ. އެއްބަސްވުމުގައި އެގޮތަށް ނިންމާފައި އޮތީ، ފަޅު ކުއްޔަށްދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2011 ވަނަ އަހަރު ކަމަށްވެފައި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް އައި ބަދަލެއްގެ ސަބަބުން ކަމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅުން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭގޮތުން އޭރު ކުރި އެއްވެސް މުއާމަލާތެއްގައި އެވާހަކަ ދައްކާފައި ނުވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"... 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައިއިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާގޮތަށް ނިންމުމުންކަމަށް ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތުން މައުލޫމާތު ދީފައިވެއެވެ،" ބަޔާނުގައި ބުންޏެވެ.
އެ މައްސަލަ ގުޅިގެން އޭސީސީގެ ރިޕޯޓުގައި މިއަދު ބުނެފައިވަނީ، ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް އެތަން ދެން ކުޔަށް ދޭނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، މިހާރު ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށެވެ.
މީގެ އިތުރުން ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކުރުން ލަސްވުމާ ގުޅިގެން، އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކުންފުނި ރަޖިސްޓްރީކުރަން ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެކަން ކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ހުއްދަވެސް ހޯދައިގެން ކަން އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެއްބަސްވުމުގައި ވާ ބައެއް ކަންކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވޭތީ އަދިވެސް ފަޅު ކުއްޔަށް ދޫކުރުމާ ބެހޭ މާސްޓާ އެގްރީމެންޓުގައި ސޮއި ނުކުރާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެ ހުރިހާ ކަމަކަށް ބަލާއިރު ފުށިދިއްގަރު ފަޅު ކުއްޔަށް ދޫކޮށްފައިވަނީ، ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭންކަން ސާބިތު ނުވާކަމަށް އޭސީސީން ވަނީ ނިންމާފަ އެވެ.