ދުނިޔެ

ސޯމާލިއާގައި ބޮމެއް ގޮއްވާލައި ފުލުސް އޮފިސަރުންތަކެއް މަރާލައިފި

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ކާރެއްގައި ބޮމެއް ހަރުކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ފުލުސް އޮފިސަރުންތަކެއް މަރާލައިފި އެވެ.

މޮގަދިޝޫ ޕޮލިސް ސްޓޭޝަނަށް އަމާޒުކޮށްގެން ދިން މިހަމަލާގައި ތިން ފުލުހުން މަރުވިއިރު އިތުރު ދެމީހުން ޒަހަމްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ޕޮލިސް ސްޓޭޝަނަކީ މަޝްހޫރު ލިޑޯ ބީޗުގެ ކައިރީގައި ހުންނަ ސްޓޭޝަނެކެވެ.

މި ހަމަލާގެ ޒިންމާ ހައްދުފަހަނަ އަޅާފައިވާ އަލް ޝަބާބް ޖަމާއަތުން އުފުލާފަ އެވެ.

އަލްޝަބާބުން ސޯމާލިއާއަށް ދޭ ހަމަލާތައް މިހާރުވަނީ މަދުކޮށްލާފަ އެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު ބީޗް ވިއު ހޮޓެލްގައ ދިން ޖާނުންފިދާ ވުމުގެ ހަމަލާއެއްގައި 20 މީހުން މަރާލާފަ އެވެ. އެހަމަލާގައި އަލް ޝަބާބްގެ ހަނގުރާމަވެރިން ވަނީ ބަޑިންވެސް ހަމަލާދީފަ އެވެ.