މަސްތުވާތަކެތި

ދެ ކިލޯގެ ޑްރަގާ އެކު ތިން މީހަކު ބަންދަށް

ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ މީހަކާ އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ފުލުހުންގެ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ޕާކިސްތާން މީހާ މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ އަބޫދާބީ މަގުން މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ވަގުތު ކަމަށެވެ.

މި މީހާގެ އަތުން ފެނުނު 2.12 ކިލޯގެ މަސްތުވާތަކެތި ޓެސްޓް ކުރުމުން ހިރޮއިން ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންނަކީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެ މީހުންނާއި ޕާކިސްތާންގެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެެއްގައި ވިއްކާލެވޭނެ ކަމަށް ފުލުހުން ލަފާ ކުރާ މަސްތުވާތަކެތީފެ މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ގައުމު ހާމަކުރި ނަމަވެސް އެ މީހުންގެ ވަނަވަރު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ވަހީދު އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މިމައްސަލައާއި ގުޅުންހުރި އިތުރު ދިވެހިންތަކެއް ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕާކިސްތާން މީހުން ބޭނުންކޮށްގެން އަދި ޕާކިސްތާނުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ވަނީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.