އޮބިޗުއަރީ

ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު ނިޔާވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޝަފީއު ނިޔާވީ މިއަދު ހެނދުނު އިންޑިއާގަ އެވެ.

ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަންކުރެއްވީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ޝަފީއު ނިޔާވުމާއި ގުޅިގެން ކުރީގެ ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށެވެ. އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަފީއު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާސް އޮފް ސައިންސް (އޮނާސް) ޑިގްރީ ހާސިލުކުރައްވާފަ އެވެ.

މީގެއިތުރުން 1998 އާއި 2007 އާދެމެދު ޝަފީއު ވަނީ ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސަވިސަސް ޔުނިޓް އަދި ޗީފް ނެޓްވާކް އެޑްމިނިސްޓްރޭޓާއެއްގެ މަގާމު އަދާކުރައްވާފަ އެވެ.