ޗައިނާ

ޝިއާމެން އެއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ޗައިނާގެ ޝިއާމެން އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

މި އެއާލައިނުން މިދިޔަ ފެބްރުއަރީ މަހު ވަނީ ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށާފަ އެވެ.

ނަމަވެސް އެ އެއާލައިނުގެ ފުރަތަމަ ޝެޑިއުލް ފްލައިޓު، ބޮއިންގް 787 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވަނީ ރޭގަ އެވެ. މިގޮތުން މި އެއާލައިނުން ރާއްޖެއަށް ކޮންމެ ހަފްތާއަކު ތިން ދުވަހު ދަތުރު ކުރާނެ އެވެ.

މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޝިއާމެން އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން ރާއްޖެއިން މިއަހަރަށް ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ހާސިލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށެވެ.

"މީގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް އިތުރު ވެގެން ދާނެ،" ޝަރީފް ވިދާޅުވި އެވެ.

މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރާނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއާންމެން ސިޓީ އިން ރާއްޖޭގެ ވީއައިއޭ އަށެވެ.

މީގެ އިތުރުން ޗައިނާގެ ހަތަރު އެއާލައިނެއް މިހާރުވެސް ރާއްޖެއަށް ދަތުރުކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓާ އެވެ.