އެމެރިކާގެ ބައިވެރިވުމެއް ނެތި އަދި އެމެރިކާގެ ހުއްދަ ނެތި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މަރާލުމަކީ އިޒުރޭލަށް ކުރަން ކެރޭނެ ކަމެއް ނޫން ކަމަށް އދގައި އީރާން ތަމްސީލްކުރާ ވަފުދުން ބުނެފި އެވެ.
އދގެ ސަލާމަތީ މަޖިލީހަށް އީރާންގެ ވަފުދުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހަނިއްޔާ މަރާލަން ޖާސޫސީ މައުލޫމާތު އިޒުރޭލަށް ފޯރުކޮށްދިނީ އެމެރިކާ ކަމަށެވެ.
ހަމާސްގެ ލީޑަރު މަރާލަން އެމެރިކާ އާއި އިޒުރޭލު ގުޅިގެން ބިސްމަޅިދުއްވާތާ ޒަމާންތަކެއް ވެއްޖެ ކަމަށްވެސް ސީޓީގައި ބުނެފައި އޮތެވެ.
އީރާންގެ މެހެމާނެއް ގޮތުގައި ހަނިއްޔާ އެ ގައުމުގައި ހުއްޓައި މަރާލުމަކީ އީރާން ދަންޖެއްސުން ފަދަ ކަމެއް ކަމަށް އެ ގައުމުން ގަބޫލުކުރެ އެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ނަޖިސްއެޅުން ކަމަށްވެސް އީރާނުން ސިފަކުރެ އެވެ.
ހަނިއްޔާ މަރާލީ އީރާންގެ އާ ރައީސް މަސްއޫދު ޕަޒަސްކިޔާން ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުރި ދަތުރެއްގައި، ވެރިރަށް ތެހެރާންގައި ހުއްޓަ އެވެ.
ރިޕޯޓްތައް ބުނާ ޣޮތުން ހަނިއްޔާ މަރާލީ ގޮތް ނޭނގޭ ބަޔަކު ވައިގެ މަގުން ދިން ރޮކެޓް ހަމަލާއެއްގަ އެވެ. މި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އީރާންގެ އިންޓެލިޖެންސަށް -- ހަމަލާ ހިނގުމުގެ ކުރިން އެނގިފައެއް ނުވެ އެވެ.
މި ހަމަލާ އަކީ އެމެރިކާގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން އިޒުރޭލުން ދިން ހަމަލާއެއްކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. އެކަން ކުރީ ތިމަންނަމެން ކަމަށް ނުބި ނަމަވެސް ހަނިއްޔާގެ ފަހަތުން ސެޓެލައިޓްތައް ދުއްވައި އެވަރުގެ އަމާޒު ހަމަލާއެއް ދިނުމަށް އެމެރިކާ އާއި އިޒުރޭލު ނޫން ބަޔަކަށް ކުޅަދާނަ ނުވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.
މި ހަމަލާއަށްފަހު އިރުކޮޅެއް ނުވަނީސް އެމެރިކާ އިން ވަނީ މިކަން އެމެރިކާގެ ބޮލުން ނައްޓުވާލުމަށް މަސައްކަތް ފަށާފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ހަމާސްގެ ލީޑަރު މަރާލީ އެމެރިކާއަށް އެނގިގެނެއް ނޫނެވެ. އަދި މި ކަހަލަ ހަމަލާއެއް ރާވާކަން އިޒުރޭލުން އެރެރިކާއަށް އަންގާފައި ނުވާ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
އީރާނުން ވަނީ މި ހަމަލާގެ ބަދަލު އެެމެރިކާ އާއި އިޒުރޭލުގެ ކިބައިން ހިފާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ހަމަލާދޭނެ ގޮތުގައި އިތުރު ތަފްސީލެއް ނުދެ އެވެ.