ހަބަރު

10 ކިލޯގެ މޯލްޑިވް ގޭސްފުޅިން 15 ރުފިޔާ އަގުހެޔޮ ކުރަނީ

މޯލްޑިވް ގޭސް އިން ވިއްކާ 10 ކިލޯ ގޭސް ފުޅިން 15 ރުފިޔާ އަގު ހެޔޮ ކުރަން އެކުންފުނިން ނިންފައިފި އެވެ.

މޯލްޑިވްސް ގޭސް އިން 10 ކިލޯ ގޭސްފުޅިއެއް މިހާރު ވިއްކަނީ 225 ރުފިޔާއަށެވެ. ނަމަވެސް އެ ކުންފުނިން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެން ގޭސްފުޅިއެއް 210 ރުފިޔާއަށް ވިއްކުމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ގޭސް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރަންސެއްގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަބުދުﷲ މައުމޫން ވިދާޅުވީ އެކުންފުނިން މީގެކުރިން 2008 ވަނަ އަހަރާއި 2011 ވަނަ އަހަރު ގޭހުގެ އަގު ބޮޑުކުރި ކަމަށާއި އެހެން ނަމަވެސް މިއީ އެކުންފުނީގެ ހަޔާތުގައި ގޭހުގެ އަގުހެޔޮ ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމާފައިވާނީ ކުރިޔަށް އޮތްތާގައި ވެސް 10 ކިލޯ އިން ދަށް ފުޅިތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް. މީގެ އިތުރުން އަޅުގަނޑުމެން އަލަށް ވިއްކަން ފެށި ލުއި ފުޅިތައް ވެސް އަތްފޯރާ ފަށަށް ގެނައުމަށް ރާވަމުން އެބަދަން،" މައުމޫން ވިދާޅުވި އެވެ.