ހަބަރު

އެޗްއާރުސީއެމްއިން "ވާނެ" ކެމްޕެއިން އިފުތިތާހު ކޮށްފި

ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން "ވާނެ" ނަމުގައި ކެމްޕޭނެއް އިފްތިތާހް ކޮށްފި އެވެ.

މި ކެމްޕޭން އިފްތިތާހް ކުރުމަށްފަހު 14 އަހަރުން ދަށުގެ ދެ ޖިންސްގެ ކުދިން އެއްކޮށްލައިގެން ވަނީ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. މި ކެމްޕޭން އިފްތިތާހް ކޮށްފައިވަނީ ދެ އަންހެން ދަރިވަރުންނެވެ.

މި ކެމްޕޭން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް ވިދާޅުވީ ވާނެ ކެމްޕޭންގެ މަގުސަދަކީ އަންހެނުންނާ ފިރިހެނުން ލިބިގެންވާ ހައްގުތަކަށް ހަމަހަމަ ކުރުން ކަމަށެވެ.

އީނާސް ވިދާޅުވީ މި މުޖުތަމައުގައި އަންހެނުންނަށް ވެސް ފުރުސަތުތައް ހުރި ކަމަށާއި ނަމަވެސް އެންމެ އެދެވޭ ގޮތުގައި އެފުރުސަތުތައް ހޯދައި ނުދެވޭ ކަމަށެވެ. އަދި މިކަންކަމުގެ ވާހަކަ އެންމެ ކުޑައިރުން ފެށިގެން ކުދިންގެ ކައިރީގައި ދައްކާ ކުދިން މިކަމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށް އީނާސް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މި ކެމްޕޭން ފެށީ ކުދިން މިކަމަށް އަހުލުވެރި ކުރަން ކަމަށް އީނާސް ވިދާޅުވި އެވެ. އެގޮތުން ވާނެ ނަމުގައި ހިންގާ ހާއްސަ ޕްރޮގްރާމެއް ފަސް ސްކޫލެއްގައި މިއަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.