އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ވެރިކަމުގައި ހުންނަވަނިކޮށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އަދި އެއީ އެމެރިކާގެ ރައީސްގެ ޒިންމާތަަކަށް ބުރޫއަރާވަރުގެ ބައްޔެއްނަމަ ވެރިކަން ދޫކޮށްލައްވައި އެހެން ބޭފުޅަކަށް އެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އަކީ ޖޯ ބައިޑަން ކަހަލަ މީހަކަށް ނުވާނެ އެވެ. ޖިސްމާނީ ބާރު ކިތަންމެ ދަށް ނަމަވެސް އަދި ފިކުރީ ބާރު އެއްގޮތަކަށް ނެތް މީހަކަށް ވެސް އެެމެރިކާގެ ރައީސްގެ ވާޖިބުތައް އަދާކުރެވިދާނެ ކަމަށް ބުނާ ބުނުމާ އޭނާ ވަރަށް ދެކޮޅު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާތަކެއްގައި ޓްރަމްޕަށް ހުށަހެޅޭ ސުވާލަކީ -- އެމެރިކާގައި މިއަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ، ރައީސްކަމުގެ ދައުރު ތެރޭގައި ޓްރަމްޕަށް 82 އަހަރު ފުރޭނެ ކަމުގެ ސުވާލެވެ.
މި ހާލަތުގައި ޓްރަމްޕްގެ އުމުރު ޖޯ ބައިޑަންގެ މިހާރުގެ އުމުރަށް ވުރެ ދޮށިވާނެ އެވެ. އެހެންކަމުން ވެރިކަމުގައި ދެމިހުންނެވުމާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލުގައިވެ އެވެ. ޖޯ ބައިޑަންގެ މިހާރުގެ އުމުރަކީ 81 އަހަރެވެ.
މި ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އުމުރުން ދުވަސްވުމަކީ ވެެރިކަން ނުކުރެވޭ ސަބަބަކަށް ވާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަަމަވެސް މަގާމު ދޫކޮށްލެއްވުމާ މެދު ގޮތެއް ނިންމަވާނީ ބަލި ހާލަތު ބޮޑުވެ ޒިންމާތަކަށް ހުރަސްއެޅޭ ނަމަ ކަމަށެވެ.
ސިކުނޑީގެ ބާރު ގޮސް ހަނދާނުގައި އެކައްޗެއްވެސް ހަރުނުލާނަމަ އެ ހުރެވުނީ ހެޔޮ ހާލުގައި ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މޮޔަ ގޮވައި ކޮސްގޮވާ ވަރުވެއްޖެނަމަ އެއީ ޝަރުތު ހަމަވާ މީހެއް ކަމަށް ބެލެން ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ ކޮންމެ ކެނޑިޑޭޓަކު ސިކުނޑީގެ ޓެސްޓެއް ހެދުމަކީ މުހިއްމު ކަމެކެވެ. އަދި ހަނދާނުގެ ބާރު އަންދާޒާކުރުމަށާއި އުނގެނުމުގެ ބާރު ހުރި މިންވަރު ބެލުމަށް ތާއީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.