ވާހަކަ

މިލްކުވާނެބާ

(29 ޖުލައި 2024 އާ ގުޅޭ )

"އެ ދުވަހު... އެ ދުވަހު އަހަރެން އޭނާ ގެއަށް ވެއްދީ... ސޫޒީއަށް ޓަކައި... އެއީ ހަމަ މީނަ... މި އަފްރާހު. ސޫޒީ. މިވީ ގޮތެއް އޮޅުންފިލުވާނަން. ސޫޒަންއާ ސުވާލު ކޮށްގެން ނޫނީ ނޭނގޭނެ." އިޒީކިއަލްއަށް ބުނެވުނެވެ. އެތަނުގައި މާޖިދު ހުރިކަން ވެސް އޭނާ ހަނދާންނެތުނު ކަހަލަ އެވެ. ހަލުވިފިޔަވަޅުގައި އޭނާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ސޫޒަންއާ ވާހަކަދައްކަން ގެއަށް ދިއުމަށް ޓަކައެވެ.

"އަހަރެންނަށް އޮޅުނީތަ؟. އެކަމަކު ސޫޒީ... ސޫޒީ އެހެން ކަންތައްކޮށްފާނެތަ؟. މިކަމުގައިވަނީ ކިހާވަރެއްގެ ހަޤީޤަތެއްކަން އެނގޭނީ ސޫޒީއާ ވާހަކަދެއްކުނީމަ. އެޓްލީސްޓް އޭރުން ޔަޤީންވާނެ." ގެއާ ދިމާއަށް ދުއްވަމުންދިޔަ ކާރުގައި އިން އިޒީކިއަލްގެ ސިކުނޑީގައި ހިނގަމުންދިޔައީ ހަޤީޤަތް ހޯދާނޭ ގޮތުގެ ޚިޔާލުތަކެވެ. ސޫޒަން ކައިރިން އޮޅުންފިލުވަން އޭނާއާ ސުވާލު ކުރާނޭ ގޮތަކާމެދު އިޒީކިއަލް ވިސްނި އެވެ. އަދި މާޖިދު ދެއްކި ވާހަކަތަކަކީ ތެދު ހަޤީޤަތަށް ވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތަކާމެދު ވެސް އިޒީކިއަލް ވިސްނަމުން ދިޔަ އެވެ.

"އިޒީ..." ގެއަށް އައިސް ވަން އިޒީކިއަލް ފެނުމާއެކު ސިޓިންރޫމު ސޯފާގައި އިނދެފައި ސޫޒަން ތެދުވެއްޖެ އެވެ.

"އަހަރެން ހާދަ ގުޅައިފީމޭ. އިއްޔެ ގެއިން ނުކުތް މީހާ އަދިކިރިޔާ ތިއައީ. މީހާ ހުރީ ކޮންހާލެއްގައިކަން އަހަރެންނަށް އަންގާލިނަމަ. މިއަދު ވެސް އަންނާނެކަމެއް ނޭނގިފައި މިއިންނަނީ... އަހަރެން ހާސްވާނޭވަރު އެނގޭނެ. ކާފަ... މިހާރު ކާފަ ކިހިނެއް؟." ސޫޒަން އައިސް އިޒީކިއަލްގެ ވައަތު މުލައްދަނޑީގައި ހިފާލި އެވެ.

"އިހަށް އަހަރެންގެ އަތުން ދޫކޮށްލަބަލަ. ސޫޒަންއާ ދައްކަން ބޭނުންވާ ވާހަކައެއް އެބައޮތް." އިޒީކިއަލްގެ އަތާ ސޫޒަންގެ އަތް ދުރުކޮށްލި އެވެ.

"ކިހިނެއްވީ؟." ސޫޒަންގެ މޫނުން ހައިރާންކަން ފާޅުވެލި އެވެ.

"ކޮބާ ހައިކް؟." އާންމުކޮށް މެންދުރުގެ އެވަގުތަކީ ހައިކް ގޭގައި އުޅޭނެ ވަގުތެއްކަން އިޒީކިއަލްއަށް އެނގޭތީ އަހާލެވުނެވެ.

"ނެނީއާއެކީ މަތީގައި." ސޫޒަން ވަގުތުން ބުންޏެވެ.

"ކޮޓަރިއަށް ހިނގާ." އިޒީކިއަލް ބުންޏެވެ. ހައިކްގެ ކުރިމަތީ ސޫޒަންއާ ދެބަސްވާން އިޒީކިއަލް ބޭނުންނުވާ ކަހަލަ އެވެ.

"އިޒީ... ވީގޮތެއް ބުނެބަލަ. އަނެއްކާ... ކާފަ." ސޫޒަން ބުނަން އުޅެފައި ހުއްޓާލި އެވެ.

"އިޒީކިއަލް މިހާ ކަންބޮޑުވެގެން މިއުޅެނީ... އެ މީހާގަނޑު މަރުވީބާ. އެހެންވެއްޖެއްޔާ ކޮންފަދަ. އޭރުން ހުރިހާ ހުރަހެއް ނެތިގެން ދިޔައީ." އެތެރެއެތެރެއަށް ހިނިތުންވަމުން ސޫޒަންގެ ހިތް ބުންޏެވެ. އޭނާ އުންމީދު ކުރަމުން އައީ ވެސް އެހެންވުމަށެވެ. އިޒީކިއަލްގެ ޚަބަރެއްނުވީ އާސިފްގެ ހާލު މާބޮޑަށް ގޯސްވެގެން ކަމުގައި ސޫޒަން އައީ ހީކުރަމުންނެވެ. ނަމަވެސް އިޒީކިއަލްގެ ޖަވާބު ވަގުތުން އޭނާގެ ހިތް މާޔޫސްކޮށްލައިފި އެވެ.

"ކާފަގެ ހާލު އަންނަނީ ރަނގަޅުވަމުން." އިޒީކިއަލް ބުންޏެވެ.

"އެހެންތަ. އަލްޙަމްދުލިއްﷲ. ދެޓްސް ރިއަލީ ގްރޭޓް." ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމާއެކު ސޫޒަން ބުންޏެވެ. އޭނާ އިތުރަށް ހައިރާން ކުރުވި ކަމަކަށްވީ އިޒީކިއަލްގެ ފުށުން އެއްވެސް އަސަރެއް ނުފެނުމެވެ. އޭނާ ސޫޒަންއަށް ބަލަން ހުރީ އެވެ.

"އިޒީ. ކަމެއްވީތަ؟." ސޫޒަންއަށް އަހާލެވުނެވެ. އެއާއެކު އިޒީކިއަލް ބުނެލީ އޭނާއާއެކު އައުމަށެވެ. އަދި ސިޑިން އަރައިގެން ދާންފެށީ ކޮޓަރިއަށް ވަންނާށެވެ.

"ދެން ބުނެބަލަ." ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އިޒީކިއަލްއާ ކުރިމަތިލާ ސޫޒަން ބުންޏެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއް ވެސް އެނގިއްޖެ. އަފްރާހާއި ސޫޒަން އެއްބައިވެގެން ހިންގި ބޮޑު ޖަރީމާ." އިޒީކިއަލް ބުންޏެވެ. ސޫޒަން ސިހުން ލިބިގެންދިޔަ އެވެ.

"އިޒީއަށް އެނގުނީއޭ." ސޫޒަންއަށް ބުނެވުނެވެ.

"އާން. ތެދަށް ބުނޭ. މީ ހުރިހާކަމެއް އަހަރެންނަށް ކިޔައިދޭން ސޫޒަންއަށް ލިބޭނެ ހަމައެކަނި ފުރުޞަތު. އެހެންވީމަ ހަޤީޤަތަށް ވާހަކަ ދައްކާ. ސޫޒަން އެހެން ކަންތައް ކުރީންތަ؟." އިޒީކިއަލް ސުވާލުކުރި އެވެ.

"އަހަރެން... ނޫން... އަހަރެންނެއްނޫން. އިޒީ... އަހަރެން..." ހާސްވެގެން ގޮސް ވާހަކަދައްކަން ސޫޒަންއަށް ދަތިވި އެވެ. ދެން ފެނުނީ އޭނާގެ ބޮޑުކޮށްލެވިފައިވާ ދެ ލޮލަށް ކަރުނަ ޖަމާވާންފެށިތަނެވެ.

"ސޫޒަން. ވާހަކަ ދައްކާ. އަހަރެން ކުރި ސުވާލަށް ޖަވާބު ދީ." ދެގޮތެއްނުވެ ހުރެ އިޒީކިއަލް ބުންޏެވެ. ސޫޒަން އިހުނަށްވުރެ ކަންބޮޑުވި އެވެ. އޭނާ ބޭރުކުރަމުންދިޔަ ބޮޑެތި ކަރުނަތިކިތަކުގެ ޖާދޫގައި އިޒީކިއަލް ނުޖެހުނީތީ އެވެ.

"އަހަރެން... އިޒީ... އެއީ ގަސްދުގައި ވީކަމެއްނޫން. އަހަރެން ގަސްދުގައެއްނޫން. އަހަރެން ހިޔެއްނުކުރަން މާމަ މަރުވާނެ ކަމަކަށް. ޕްލީޒް ޤަބޫލުކުރޭ. އަހަރެން މާމަ މަރާލީއެއްނޫން. ފައިލްތައް... އާން... ފައިލްތައް ގެންދަން އުޅުނީ. އެވަގުތު މާމަ އެތަނަށް އަތުވެދާނޭ ކަމަށް އެއްގޮތަކަށް ވެސް ހިޔެއްނުކުރަން. އަހަރެންނެއްނޫން މާމަ ސިޑިން ކޮށްޕާލީ... އެއީ އޭނަ ކުރިކަމެއް. އަފްރާހު... އޭނާ މާމަ މަރާލީ. އަހަރެން އަތުން ކޭންޑްލްވެއްޓުނީ މާމަ ފެނިގެން. ކަރުދާސްތަކުގައި އަލިފާންހިފީ ހީނުކުރާހާ އަވަހަށް. އިޒީ... އޭނާ އަހަރެންގެ ބޮލަށް އެރުނީ. އަހަރެން ލައްވާ ހުރިހާކަމެއް ކުރުވީ. އަފްރާހު... އޭނާ ހޯދާ. އެއީ ކުށްވެރިއަކީ. ހުރިހާކަމެއް ވާން މެދުވެރިވީ އޭނާގެ ސަބަބުން. އިޒީ... ޤަބޫލުކުރޭ. ޕްލީޒް. އަހަރެންނަށް މަޢާފްކުރޭ. އިޒީ. އަހަރެން ވަރަށް ލޯބިވޭ. އަހަރެންނަކަށް ނޫޅެވޭނެ އިޒީކިއަލްއާ ދުރުގައެއް. އަހަރެން މަރުވެދާނެ. އަހަރެންގެ ހުރިހާ ވެސް މީހަކީތީ." ސޫޒަން ރޮމުންރޮމުން އައިސް އިޒީކިއަލްގެ މޭގައި ފޮރުވެން އުޅުނެވެ. ނަމަވެސް އިޒީކިއަލް އޭނާ ދުރަށް ކޮށްޕާލީ އެވެ.

ބުނާނޭ އެއްޗެއް ނޭނގިގެން އިޒީކިއަލްއަށް ބޮލުގައި ދެތިން ފަހަރަށް އަތް ހިންގާލެވުނެވެ. ހިތުތެރޭގައި ރުޅިވެރިކަން އަނދައިގަތް ހިނދު އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ސޫޒަންއާމެދު އޭނާ މިހާ ދުވަހު ދެކެމުން އައިގޮތް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ބަދަލުވީ އެވެ. މައުސޫމްކަމުގެ ނިވަލުގައި ފޮރުވިގެން ހުރެ އިޒީކިއަލްގެ ކިބައިން ސޫޒަން ފައިދާ ނަގަމުން އައި ގޮތް ޚުދު އިޒީކިއަލްއަށް ވިސްނުނީ އަދިކިރިޔާ އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި "ޝޭއިޒް" ގޮނޑީގައި އިޒީކިއަލްއަށް އިށީނދެވުނެވެ. ކޮޅަށް ހުންނަން ވެސް އިޒީކިއަލްއަށް ދަތިވީ ކަހަލަ އެވެ. ދެ ފަރާތަށް ބޯ ހޫރުވާލާފައި އިޒީކިއަލްގެ ނަޒަރު އަމާޒުކޮށްލީ ސޫޒަން އަށެވެ.

"އަހަރެން ކުޑަކޮށް ވެސް ހިޔެއްނުކުރަން ތިހާ ނުބައި އަންހެނަކަށް ސޫޒަންވާނޭ. މާމަ އަހަރެމެންނާ ހެދި އުޅުނީ ކިހާވަރަކުން. ބައެއްފަހަރު އަހަރެންނަށްވުރެ ވެސް މާމަ ސޫޒަންދެކެ ލޯބިން އުޅޭތީ އަހަރެން ދުށީން... މާމަ އެހާ ރަނގަޅުއިރު... ސޫޒަން ހިތަކަށް އެކައްޗެއް ވެސް ނޭރިތަ މާމަ މަރާލާފައި ދެން ވެސް އަހަރެމެންނާއެކީ އުޅޭން ބޭނުންވީއިރު. މާމަ ނެތުމުން ސޫޒަން އަހަރެމެން ގެއިން ނެރިލަފާނެތީ އެކަމާ ދެރަވެގެން އަހަރެން ކައިރީ ރުއިވަރު ރަނގަޅަށް ހަނދާން އެބަހުރި. ހައު ކުޑް ޔޫ؟... ހައު ކުޑް ޔޫ ސޫޒަން... މޮޔައީ އަހަރެން. އަހަރެންނަށް ނުވިސްނުނީ ކާފަގެ ނިންމުންތަކުގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮންނާނޭކަން. ތިކަހަލަ އަންހެނަކަށް ޓަކައި އަހަރެން މިހާ ދުވަހު ކާފައާ ދެކޮޅު ހަދައި ޒުވާބުކުރަމުން އައީ... އަހަރެންނަށް ގެއްލުނީ ހަމައެކަނި މާމައެއްނޫން. އެ ހާދިސާގައި އަހަރެންގެ ބައްޕަ ވެސް ދިޔައީ. ސޫޒަންގެ ސަބަބުން އަހަރެންގެ މަންމައާއި ކާފައަށް ލިބުނު ހިތްދަތިކަން އިމޭޖިން ކޮށްލެވޭތަ؟. މިވީ އަހަރުތަކުގެ ތެރޭ އެހެން ހިތަށް އެރިތަ؟. ސޫޒަންއަށް އެނގޭތަ... އަހަރެން އަބަދުވެސް ހުރީ ސޫޒަންއާއެކީ. އައި ހޭވް އޯލްވޭސް ޗޯސަން ޔޫ. އަމިއްލަ ނަފްސަށް ވެސް މިހާ ދުވަހު ވިސްނައިދެމުން އައީ ސޫޒަންއަށްވުރެ މުހިންމު މީހަކު އަހަރެންގެ ނުހުންނާނެއޭ. ސޫޒަންގެ ވެސް ހުރި މީހަކީ އަހަރެން އެކަންޏޭ. ސޫޒަންއަށް އަހަރެންގެ ހިތުން ދީފައިވާ މަޤާމަށް ދުވަހަކު ވެސް އަންހެނަކު ނުގެންނާނަމޭ... އެކަމަކު މިހާރު އަހަރެންގެ ހިތް ބުނާ އެއްޗެއް އެނގޭތަ؟... މިހާ ދުވަސްވީއިރު ވެސް އަހަރެންނަށް ސޫޒަންއާ ނީނދެވުނުކަން އެއީ ނަސީބެކޭ." އިޒީކިއަލްގެ ފަހު ޖުމްލައާއެކު ސޫޒަންގެ ރުއިން ގަދަވި އެވެ. އޭނާ ހަލުވިކޮށް އައިސް އިޒީކިއަލްގެ ފައިބުޑަށް ވެއްޓުނެވެ.

"އިޒީ..." ސޫޒަން ވާހަކަދައްކަން އުޅުނެވެ.

"ވިލް ޔޫ ސްޓޮޕް ކޯލިން މީ ދެޓް." ބޮލަށް އުނދަގޫވެފައި އިން ފަދައަކުން އިޒީކިއަލް ބުނެލި އެވެ. ކަކުލުގައި ދެ އުޅަންބޮށި ވިއްދާލުމާއެކު އަތުގެ ތެރޭ އިޒީކިއަލް މޫނު ފޮރުވާލި އެވެ. ސޫޒަންއަށް ބަލަން ވެސް އޭނާއަށް އުނދަގޫވެފައި އިން ކަހަލަ އެވެ.

"ޕްލީޒް. އަހަރެންނަށް މަޢާފްކޮށްދީ." ސޫޒަން އާދޭސްކޮށްލި އެވެ.

"ކިތައް އަހަރު. ސޫޒަން ބުނެބަލަ... ކާފަ ނުރުހެނީ ކީއްވެކަން އަހަރެންނަށް ނުވިސްނިގެން އުޅުނުއިރު ސޫޒަންއަށް އެއީ ކީއްވެކަން އެނގޭ. އަހަރެން ކައިރީ ނުބުނީ ކީއްވެ؟.... ނޯ... ނުބުނާތި ޗާންސެއް ނުލިބުނިއްޔޭ. މި ހުރިހާ އަހަރު ސޫޒަން ބޭނުންވީނަމަ އަހަރެންނަށް ކިޔާ ދެވުނީސް. އޭރުން ފަހަރެއްގައި އަހަރެންނަށް ޤަބޫލު ވެސް ކުރެވުނީސް ސޫޒަންގެ ވާހަކަ. އެކަމަކު ސޫޒަން ގަސްދުކުރީ ސިއްރުކުރަން. ކުރެވުނު ކުށް ފޮރުވަން މަސައްކަތް ކުރީ. އަހަރެން ކައިރީ ފުރަތަމަ ދުވަހު ވެސް ދޮގު ހެދީ. އަފްރާހަކީ އަންކަލްއޭ ކިޔައިގެން އަހަރެން މެދުވެރިކޮށް އަހަރެމެންގެ ތެރެއަށް ސޫޒަން އޭނާ ގެނައީ. އަހަރެން ހިތަށް ވެސް ނާރާ ދޮގު ހަދަން ސޫޒަން ތިހާ ކުޅަދާނަވާނެއެކޭ." އިޒީކިއަލްއަށް އަނެއްކާ ވެސް ދަތްކުނޑިވިކާލެވުނެވެ.

"އިޓް ވޯޒް އަ މިސްޓޭކް. އޭނާ އަހަރެންގެ ބޮލަށް އެރުނީ. އަހަރެން ހައްލާލީ... އޭރު އަހަރެންނަކީ ވެސް ކުޑަކުއްޖެއް. އަހަރެންނަށް ނުވިސްނުނީ ކިހާ ވަރެއްގެ ކަމެއްކަން އެއީ. އިޒީކިއަލް. ޕްލީޒް. އަހަރެން އަސްލު ވެސް އިޒީދެކެ ލޯބިވޭ. ޕްލީޒް... އެންމެ ފަހަރަކު. ޕްލީޒް... އަހަރެންނަށް މަޢާފުކޮށްދީ." ސޫޒަން ގިސްލާ ރޮމުންދިޔަ އެވެ.

"ޔޫ އާ ގުޑް. އައި ކާންޓް އިވަން ލުކް އެޓް ޔޫ. ކިތަންމެ ވަރަކަށް ރުޔަސް ތި ކަރުނައިގައި މިހާރު އަގެއްނެތް." އިޒީކިއަލްއަށް އުނދަގޫވެފައި އިން ހާލު އޭނާ ކޮޅަށް ތެދުވި އެވެ. ސޫޒަން ވަގުތުން އިޒީކިއަލްގެ ކަނާއަތްތިލައިގައި ދެ އަތުން ހިފާލި އެވެ. އިޒީކިއަލް ދާން އުޅޭހެން އޭނާއަށް ހީވެގެންނެވެ. އިޒީކިއަލް ކައިރީ ނުދާށޭ ބުނެ ސޫޒަން ގިސްލަމުންދިޔަ އެވެ.

"އައި ކާންޓް ލުކް އެޓް ޔޫ ރައިޓް ނައު." އިޒީކިއަލް ބުނެލީ މަޑުމައިތިރިކަމާއެކު އެވެ. އޭނާގެ ހިތަށް އަސަރުކޮށްފައިވާކަން އެ އަޑުން ދޭހަވެ އެވެ. ސޫޒަންގެ އަތުގެ ތެރެއިން އަތް ދަމާލުމާއެކު އިޒީކިއަލް މަޑެއް ނުކުރި އެވެ. އޭނާ ކޮޓަރިން ނުކުތީ އެވެ. ގޭގައި ވެސް އޭނާ މަޑެއް ނުކުރި އެވެ.

ސޫޒަން ވަގުތުން ދެ ލޯ ފުހެލި އެވެ. ހާސްވެގެން ދެކޮޅަށް އޭނާ ހިނގަންފެށީ ދެން ހަދާނޭ ގޮތެއް ނޭނގިފައި ހުރެ އެވެ. އިޒީކިއަލް ރުއްސުމަށް ކުރެވޭނޭ ކަމެއް އޭނާއަށް ނެތް ކަހަލަ އެވެ. އޭނާ ރުޅިގަދަވާންފެށީ ދެނެވެ. އަމިއްލަ މީހާއަށް ހެދުނު ގޯހާ މެދު ވިސްނުމުގެ ބަދަލުގައި ސޫޒަން ހުރިހާކަމެއް އެޅުވީ އާސިފްގެ ބޮލުގަ އެވެ. އިޒީކިއަލްއަށް ހަޤީޤަތް އެނގުނީތީ އެވެ. އެތައް އަހަރުތަކަކަށް ސިއްރުވެފައި އޮތް ކަމެއް ތިލަވެގެން އައިސް ސޫޒަންގެ ހުވަފެންތައް ވިއްސިވިހާލި ކޮށްލާނޭކަމަށް އޭނާ އިނީ ތައްޔާރުވެގެންނެއްނޫނެވެ.

އިރުއޮއްސުވާ ކައިރިވެފައި ވަނިކޮށް އިޒީކިއަލް އެނބުރި ގެއަށް އައެވެ. ސޫޒަން އުޅޭ ކޮޓަރިއަށް އޭނާ އައިސް ވަނެވެ. އެނދުމަތީ ދެ ކަކޫ މެޔާ ކައިރިކޮށްލައިގެން ދެ އަތުން ފައިގައި ހިފަހައްޓާލައިގެން ސޫޒަން އިނެވެ. ހީވާގޮތުން އިޒީކިއަލް ނުކުމެގެން ދިޔައީސުރެ ސޫޒަން އެ ކޮޓަރިން ނުނިކުންނަ ކަހަލަ އެވެ. ފަރުވާތެރިކަމާއެކު ސޫޒަންއަށް އިޒީކިއަލް ބަލާލި އެވެ. ގިނައިރެއްނުވެ އެ ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. ވަންނާށޭ އިޒީކިއަލް ބުނުމުން އެ ކޮޓަރިއަށް ވަނީ ހިލްމީ އެވެ. އޭނާއާއެކު ފޮށިތައް ވައްދަންފެށި އެވެ.

"ސޫޒަންގެ ހުރިހާ އެއްޗެއް ފޮށިތަކަށް އަޅައި." އިޒީކިއަލް ބުނެލި އެވެ. ހައިރާންކަމާއި ސުވާލުގެ ނަޒަރަކުން ސޫޒަން ބަލަންފެށި އެވެ. އަދި ނިކަން އަވަހަށް އެނދުން ފައިބައިގެން އައިސް އިޒީކިއަލްގެ ކުރިމަތީ އޭނާ ހުއްޓުނެވެ.

"ވަޓް ޑޫ ޔޫ މީން." ސޫޒަންއަށް އަހާލެވުނެވެ.

"ތި އަޑު އިވުނީ ރަނގަޅަށް. ސޫޒަން ބޭނުންވާ ހުރިހާ އެއްޗެއް ފޮށްޓަށް އަޅައި ނިންމާ." އިޒީކިއަލް ބުންޏެވެ.

"ކޮންތާކަށް ދާން." ސޫޒަން އަހާލި އެވެ.

"ޔޫ އާ ލީވިން." ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރެ އިޒީކިއަލް ބުންޏެވެ. އޭނާގެ ނިންމުން އިއްވާލީ ފަދަ އެވެ.

"ޑޯންޓް ޑޫ ދިސް. ޕްލީޒް. އަހަރެން ކޮންތާކަށް ދާނީ. އިޒީކިއަލް ޕްލީޒް." ސޫޒަން އިންތިހާއަށް ކަންބޮޑުވި އެވެ.

"އިޓްސް އޯވަރ ސޫޒަން. މިފަހަރު އަހަރެން ބޭނުމީ އަހަރެންގެ ޢާއިލާ ޗޫޒް ކުރަން. ސޫޒަން ވެސް ކަންތައް ކުރީ އެހެންނު." އިޒީކިއަލް ބުންޏެވެ.

"އަހަރެންނަށް މަޢާފެއް ނުކުރާނަންތަ؟. އަހަރެންދެކެ ކުޑަކޮށް ވެސް އިޒީކިއަލް ލޯތްބެއްނުވޭތަ؟." ސޫޒަންއަށް ބުނެވުނެވެ.

"ފޮށްޓަށް އެއްޗެހި އަޅާނީތަ ނޫނީ ހިލްމީ ލައްވާ އެކަން ކުރަންވީތަ؟." އިޒީކިއަލް އިއްވާލީ ހަރުކަށިކަމާއެކު އެވެ.

ސޫޒަން ފޮށްޓަށް އެއްޗެހި އަޅަންފެށި އެވެ. އޭނާ އިރުއިރުކޮޅާ ދެ ލޯ ފުހެލާ ގޮތުން ރޮނީކަން އިޒީކިއަލް ދެނަހުއްޓެވެ. ނަމަވެސް އޭނާ ހުރީ ފޫހިވެފަ އެވެ. ސޫޒަން އޭނާއަށް އޮޅުވާލިލެއް ކުޅަދާނަކަން ހިތަށް އަރާފަ އެވެ. ސޫޒަންދެކެ ލޯބިނުވޭތޯ އެހުމުން އެ ސުވާލަށް ކުއްލިއަކަށް ޖަވާބުދޭން އިޒީކިއަލްއަށް ދަތިވީ އެވެ. ހަރުކަށިކަމާއެކު ސޫޒަންއަށް އިންޒާރެއްދިނީ އެފަދަ ސުވާލުތަކުން އިޒީކިއަލް ރެކެން ބޭނުންވެގެންނެވެ.

ފޮށިތަށް މަގުމައްޗަށް ނެރިފައި ހިލްމީ އެނބުރި ގެއަށް ވަނީ އެވެ. އިޒީކިއަލް ހުރީ ސޫޒަންގެ ކަނާއަތުގެ މުލައްދަނޑީގައި ހިފައިގެން ފޮށިތައް ކައިރީ ދުވާރުމަތީ އެވެ. އެ މީހުންގެ ކައިރިޔަށް ޓެކްސީ އައިސް މަޑުކޮށްލި އެވެ.

"އައި ޑޯންޓް ވޯންޓް ޓު ސީ ޔޫ އަގައިން. ސޫޒަންއަށް އެހީވާން އަފްރާހު ހުންނާނެ. ގޯ ލިވް ވިތް ހިމް." އިޒީކިއަލް ބުންޏެވެ. އަދި ޓެކްސީގެ ފަހަތު ދޮރުފަތް ހުޅުވާލައި ސޫޒަން އެ ޓެކްސީއަށް އަރުވައިފި އެވެ. ޑްރައިވަރު ކައިރީ ސޫޒަން ބުނާ އެޑްރެހަކަށް ގެންގޮސްދޭން ބުނެފައި ޑްރައިވަރަށް އިޒީކިއަލް ފައިސާ ވެސް ދީފި އެވެ. ކާރުގެ ޑިކީއަށް ފޮށިތައް އެރުވީ ވެސް އިޒީކިއަލްގެ ދެ އަތުންނެވެ. އަދި އެ ޓެކްސީ ލޮލުކޮޅަށް އޮބާލަންދެން ދެއަތްއުރާލައިގެން އެ ދިމާއަށް ބަލަން އިޒީކިއަލް ހުއްޓެވެ.

* * * * *

"މިހާރު މިހެން ތިބޭތާ ދޮޅުގަޑިއިރުވީ. އޭނާގެ އެޕާޓްމެންޓަކު ވެސް ނެތް. އަފްރާހު ބުނި މިތާއޭ އޭނާ އުޅެނީ." ވޭންތެރޭގައި އިން ހުމޭދު ބުންޏެވެ.

"ސަޅި މަންޖެގަނޑެއް. އަހަރެން ހިތަށް އަރާ އަފްރާހާ އޮތީ ކޮން ބީފެއްބާއޭ. ފައިސާގެކަމެއް ކަންނޭނގެ." އަތުގައި އޮތް ފޮޓޯގަނޑަށް ބަލަން އިނދެ ފާއިޒު ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"އެތިބަ އަންނަނީ. އޭނާއާއެކީ ފިރިހެނަކު އެބަހުރި." ޑްރައިވަރު ސީޓުގައި އިން ނިޝާން އެންމެން ސަމާލުކަމަށް ގެނުވި އެވެ.

(ނުނިމޭ)