މާލޭގެ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި ކްރިކެޓް ސްޓޭޑިއަމެއް ތަރައްގީކުރަން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ "ޓީ20 ޕްރެޒިޑެންޓްސް ކަޕް" ނިންމާ އިނާމު ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި ކްރިކެޓް ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކްރިކެޓަށް ހާއްސަ ދަނޑެއް ނެތުމެވެ.
ކްރިކެޓް މުބާރާތްތަކުގެ ފޯރި ގަދަވި ނަމަވެސް ޓީމްތައް ފަރިތަކުރުމަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ ގޮތުން ކްރިކެޓް ދަނޑެއްގެ ސައިޒަށް ފައްތައިގެން ކްރިކެޓް ކުޅޭނެ އިންތިޒާމު ހަމަޖައްސައި ސްޓޭޑިއަމެއްގެ ސިފައިގައި ތަރައްގީކުރަން ހުއްދަ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށް ރަފީއު ވިދާޅުވި އެވެ.
މާލޭގެ އެކުވެނީގެ ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު ހުޅުވީ 2021 ވަނަ އަހަރު އެވެ. ދަނޑު ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.