ކުޅިވަރު

ސީޖީއެފްގެ ބޮޑު ބައްދަލުވުމާއެކު ރާއްޖެއަށް ތާރީހީ ދުވަހެއް

ކޮމަން ވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް)ގެ އޭޝިއާ އަދި އޯޝޭނިއާއަށް ނިސްބަތްވާ ގައުމުތަކުގެ ބައްދަލުވުން މިއަދު ރާއްޖެ ފަށައިފި އެވެ.

ކްރޮސްރޯޑްގައި މިބައްދަލުވުން ކުރިއަށް ގެންދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ. މިބައްދަލުވުމުގައި އޭޝިއާ އަދި އޯޝޭނިއާގެ ގިނަ ގައުމުތަކެއްގެ ބައިވެރިވެ އެވެ.

ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުސައްތާރު ވިދާޅުވީ މިއަދަކީ ރާއްޖެއަށް ތާރީހީ ދުވަހެއް ކަމަށެވެ. އެގޮތުން ވިދާޅުވީ މިއީ އޭޝިއާ ބައްރުގައިވެސް ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ އޭޝިއާ އަދި އޯޝޭނިއާ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

"އެހެންވީމާ މިއީ ރާއްޖޭގައިވެސް ބާއްވާ ކުޅިވަރުގެ މިފަދަ އެންމެ ބޮޑު ބައްދަލުވުން،" ސައްތާރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ކޮމަންވެލްތުގެ މިފަދަ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ބާއްވާތީ ސީޖީއެފްގެ ރައީސް ކްރިސް ޖެންކިންސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިބައްދަލުވުމާ ގުޅިގެން ރާއްޖެއަށް އެހެން ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކޮށް ފުރުސަތުތައް ހޯދަންވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ އެކުވެސް ކުޅިވަރުގެ ރޮނގުން ބަދަހި ގުޅުންތަކެއް އުފައްދައިދޭނެ،" ރާފިއު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސީޖީއެފްގެ ރައީސް ކްރިސް ޖެންކިންސް ވިދާޅުވީ މިބައްދަލުވުމަކީ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަން ބައްޓަން ކުރަންވީ ގޮތުގެ ހިޔާލު ބަދަލުކުރުމަށް ބޭއްވޭ ބައްދަލުވުމަކަށްވާތީ ލިބޭ ހިޔާލުތަކުގެ ބޭނުން ރަނގަޅަށް ހިފާނެ ކަމަށެވެ.