ހަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބެހިކަމަށް ބުނި މައްސަލަ ބަލާނަން: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ބެހި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެއްބަސްވި މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު އަވަސް އަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް މީޑިއާތަކާއި އެހެނިހެން ފޯރަމްތަކުގައި ދެކެވޭ ވާހަކަތައް ބަލާނެ ކަމަށެވެ. އެގޮތުން މިއަދު މަޖިލީހުގައި މެންބަރު މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތައްވެސް ތަހުގީގު ތެރޭގައި ހިމަނަން ނިންމަވާފައިވާ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ކޮރޮޕްޝަންއާ ގުޅުން ހުރި ވާހަކަތަކެއް މިއަދު އިސްމާއިލް ދައްކާފައިވަނީ. އެހެންވެ އެކަން ވެސް ތަހުގީގުގައި ހިމަނަން ޓީމަށް އިރުޝާދު ދީފައިވާނެ،" މުއައްވިޒު ވިދާޅުވި އެވެ.

މަޖިލީހުގެ ތެރެއިން އެމްއެމްޕީއާރްސީ ގެ މައްސަލަ ތަހުގީގު ކުރުމަށް ބުނާ ގަރާރެއް މިއަދު ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން އެ ފައިސާގައި ހިފި ކަމަށް މުހައްމަދު ތުހުމަތު ކުރެއްވި އެވެ.