ރައްޔިތުންގެ މަޖިލިސް

އިންޝުއަރެންސް ކްލެއިމްކުރަން ދޮގު މައުލޫމާތު ދީފިނަމަ ފަސް މިލިއަނުން ޖޫރިމަނާ

އިންޝުއަރެންސް ކްލެއިމް ކުރުމުގައި ތެދުނޫން މައުލޫމާތު ދީފިނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ އިންޝުއަރެންސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ.

ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންޝުއަރެންސް ވިޔަފާރި ހިންގުމާއި އިންޝުއަރެންސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވިޔަފާރީގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރި ހިނގާތޯ ބެލުން ހިމެނެ އެވެ.

އިންޝުއަރެންސް ކްލެއިމްއެއް ކުރުމުގައި ގަސްދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ތެދުނޫން މައުލޫމާތެއް ދީގެން ހައްގުނޫން މަންފާއެއް ހޯދުމާއި އެފަދަ މަންފާއެއް ހޯދަން އުޅުން އަދި އެފަދަ މަންފާއެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަކީ މަނާ ކަމެއް ކަމަށް މި ބިލްގައި ބުނެފައިވެ އެވެ.

އެ ގޮތުން ހައްގުނޫން މަންފާ ހޯދަން އުޅެފިނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މި ބިލްގައި ވަނީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދީފަ އެވެ.

މި ބިލްގައި އިންޝުއަރެންސްގެ ވިޔަފާރި ބަހާފައިވަނީ ޖެނެރަލް އިންޝުއަރެންސް ވިޔަފާރި އަށާއި ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރި އަށެވެ.

ޖެނެރަލް އިންޝުއަރެންސްގެ ވިޔަފާރީގެ ތެރޭޣައި ޖެނެރަލް ތަކާފުލް ވިޔަފާރި ހިމެނޭއިރު ލޯންގް ޓާމް އިންޝުއަރެންސް ވިޔަފާރީގެ ތެރޭގައި ފެމެލީ ތަކާފުލް ވިޔަފާރި ހިމެނެ އެވެ.

ބިލްގައިވާ ގޮތުން ރާއްޖޭގައި އިންޝުއަރެންސްގެ ވިޔަފާރި ކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިން ދޫކުރާ ލައިސަންސް ލިބިގެންނެވެ.