އައްޑޫ ސިޓީ

އައްޑޫ ކަރަންޓް މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫގައި މިވަގުތު 20 ޖަނަރޭޓަރު ހުރި ނަމަވެސް މީގެ ތެރެއިން ފަސް ޖަނަރޭޓަރު ހުރީ މަރާމާތު ކުރުމުގައި ފަރުވާކުޑަކޮށްފައިވާތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ފެނައިން މައުލޫތުދެ އެވެ.

ފެނަކަ އިން ބުނީ އައްޑޫގައި މިވަގުތު އުފެއްދެނީ 15 މެގަވޮޓް ކަރަންޓް ކަމަށާއި އެންމެ މަތިން ކަރަންޓް ބޭނުންވާ ވަގުތުތަކުގައި ބޭނުންވާ ވަރަށް ކަރަންޓް ފޯރުކޮށް ނުދެވޭ ކަމަށެވެ.

ފެނަކަ އިން މިއަދު ބުނީ އައްޑޫއަށް ގެންދިއުމަށް ނިންމާފައިވާ 1،600 ކިލޯވޮޓްގެ ޖެންސެޓް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އައްޑޫއަށް އާ ޖަނަރޭޓަރު ސެޓް ލިބި ބޭނުންކުރަން ފެށުމުން މިހާރު ކަރަންޓް ކަނޑަންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ތޯރިގު ތުހުމަތު ކުރެއްވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި ވަނީ އައްޑޫގައި ހުރި އިންޖީނުގެއަށް ބޭނުންވާ ކަންކަން ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ މަޝްރޫއެއްވެސް ހަވާލުކޮށްފަ އެވެ.