ފެނަކަ ކޯޕްރޭޝަން

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ދެ އަހަރު ހޭދަވާނެ: ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ދެ އަހަރު ބޭނުންވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ބޮޑެތި ރަށްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.

އެ ގޮތުން އައްޑޫ ސިޓީ ހިތަދޫގެ ބައެއް ސަރަހައްދުތަކުން މިހާރުވެސް ކަރަންޓު ކެނޑޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށާއި އެ ގޮތުން ޗައިނާ ކުންފުންޏަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައި މި އޮތް މައްސަލައެއްކޮށް ދާއިމީ ހައްލެއް ލިބިގެންދާނެ،" މުއާޒް ވިދާޅުވި އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޑީއީސީ ކުންފުންޏާ ކަމަށް މުއާޒް ވިދާޅުވި އެވެ.

އައްޑޫގައި 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދެމުންދާއިރު ޖަނަރޭޓަރުތައް ރަނގަޅަށް ނުބެލެހެއްޓުމުން ޖަނަރޭޓަރުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ދަނީ ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅުކޮށް އާ ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ.