ދުނިޔެ

ކަމަލާ ހެރިސް ރަނިންމޭޓެއް ހޮވައިފި

އެމެރިކާގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރޭޓުންގެ ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރަނިން މޭޓަކަށް މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ކަނޑައަޅުއްވައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީން މިހާރު ވަނީ ހެރިސް - ވޯލްޒްގެ ނަމުގައި ރިޔާސީ ޓިކެޓްވެސް ރަސްމީކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަދި ކުރީގެ ރައީސް ބާރަކް އޮބާމާވެސް ވަނީ ޓިމް ވޯލްޒްއަށް ރުހުންދެއްވައި ބަލައިގެންފަ އެވެ.

އެމެރިކާގައި މީގެ ކުރިން އަޑުތައް ހުރި ގޮތުން ކަމަލާގެ ރަނިން މޭޓަކަށް ނަގާ ގޮތަށް އޮތީ ޕެންސީލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕިރޯ އެވެ. ނަމަވެސް އަންގާރަ ދުވަހު ލީކުވި ޓިމް ވޯލްޒްގެ ނަމާ އެކު މަސްރަހު މިގޮތަށް ބަދަލުވީ އެވެ.

ކަމަލާ ހެރިސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވޯލްޒްއަށް ދައުވަތު ދެއްވުމަކީ ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯލްޒްއާ އެކު މަސައްކަތް ކުރެއްވުމަކީ އުފަލެއް ކަމަށް ވިދާޅުވެފަ އެވެ.

ކަމަލާގެ ޕޯސްޓަށް ޖަވާބުދެއްވައި ޓިމް ވޯލްޒް ކުރެއްވި ޓްވީޓެއްގައި އޮތީ، ދެއްވި ފުރުސަތަކީ ފަޚުރެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ކެމްޕޭން ޓީމްގައި ބައިވެރިވެ ވަޑައިގަތުމަށް ކެތްމަދުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވި އެވެ.

ކަމަލާ ހެރިސް އަކީ އެމެރިކާގެ މިހާރުގެ ނައިބު ރައީސް އެވެ. އޭނާއަށް ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ -- ދެވަނަ ދައުރަކަށް އުއްމީދު ކުރެއްވި ޖޯ ބައިޑަން ރިޔާސީ ރޭހުން ވަކިވެ ވަޑައިގަތުމުންނެވެ.

ޖޯ ބައިޑަން ރިޔާސީ ރޭސް ދޫކޮށްލެއްވީ އުމުރާ ގުޅިގެން ހާލަތު ހުރި ގޮތުން އެމެރިކާގެ ރައީސެއްގެ ކިބާގައި ހުންނަން ޖެހޭ ޝަރުތުތައް ނެތް ކަމަށް ގިނަ ބަޔަކު ބުނަން ފެށުމުންނެވެ.

ޖޯ ބައިޑަން ނޫން އެހެން މީހަކު ރިޔާސީ ރޭހަށް ނެރުމަށް ޕާޓީގެ ތެރެއިން ބައިޑަނަށް ދެންނެވި ނަމަވެސް ފުރަތަމަ އޭނާ ހުންނެވީ ރިޔާސީ ރޭހުން ވަކިވެވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައިޑަން ރިޔާސީ ރޭސް ދޫކޮށްލެއްވީ ބަރަކް އޮބާމާ ޕްރެޝަރުކުރައްވައި -- ރޭހުން ވަކިވެވަޑައި ނުގެންފިނަމަ، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ބައިޑަން މަގާމުން ދުރުކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.