ބަންގުލަދޭޝްގައި އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިއަކަށް ޕްރޮފެސަރު މުހައްމަދު ޔޫނުސް ހަމަޖައްސައިފި އެވެ. އޭނާއަށް ވަނީ ނޮބެލް ސުލްހައިެ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.
ރައީސް މުހައްމަދު ޝަހާބުއްދީން ވެސް ވަނީ އިންތިގާލީ ވެރިއަކަށް ޔޫނުސް އައްޔަކުރުމަށް ރުހުން ދެއްވާފަ އެވެ. އެއީ ގައުމު އަނެއްކާވެސް ހުސްކަމެއްގެ ތެރެއަށް ގޮސް ހަލަބޮލިވެދާނެ ކަމަށް އޮތް ބިރަށްޓަކަ އެވެ.
ބަންގްލަދޭޝްގައި ކުރިއަށް އޮތް އާންމު އިންތިހާބާ ހަމައަށް ދެމިއޮންނާނެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅާފައިވާ އޮނިގަނޑާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ދަރިވަރުންގެ މުޒާހަރާތައް އިންތިޒާމުކުރި ފަރާތްތަކުން ވަނީ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އަދި އަސްކަރިއްޔާގެ ވެރިން -- ކަނޑާއި ވައިގެ ސިފައިންގެ ވެރިންނާ ވެސް ބައްދަލުކޮށް ދަރިވަރުން މަޝްވަރާކުރެއްވި އެވެ.
ރައީސްއާ އެކު އޮތް ބައްއްދަލުވުމުގައި އިންތިގާލީ ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން ވެރިން، ބަންގުލަދޭޝްގެ ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ހަމަޖެއްސުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި އިންތިގާލީ ސަރުކާރު އިއުލާންކުރުން އަވަސްކުރުމަށްވެސް ލަވާދެއްވި އެވެ.
ބަންގުލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޝައިޚް ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި ފިއްލަވާފަ އެވެ. އޭނާ މިހާރު ހުންނެވީ އިންޑިއާގައި، އަސްކަރިއްޔާގެ ހިމާޔަތުގަ އެވެ.
ހަސީނާ އިސްތިއުފާ ދެއްވީ ގައުމުގައި އުފެދުނު ބަދަލުކުރަނިވި ފިކުރުތައް ކޮންޓްރޯލް ނުކުރެވި ދަރިވަރުންނާ ހަމައިން ބޮޑު މުޒާހަރާއަކަށް ބަދަލުވުމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ވެރިރަށް ޑާކާ ހިފައި ރިޔާސީ ގަނޑުވަރު ހިސާރުކޮށްފާނެ ކަމަށް ބިރުހީވެ ވަޑައިގަތުމުންނެވެ.