ހއ. އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ ޔުނިޓީ ކަޕް ހުޅުވައިދޭނެ ދެ ޓީމަކީ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒާއި ފެނަކަ ކޯޕަރޭޝަން ކަމުގައި ހަމަޖެހިއްޖެ އެވެ.
މި ދެ ޓީމަކީ މުބާރާތުގައި ވާދަކުރާ ހަ ޓީމުގެ ތެރެއިން ގްރޫޕް އޭގައި ހިމެނޭ ދެ ޓީމެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އުތީމު ކައުންސިލްގެ ޓީމެވެ. ބީ ގްރޫޕުގައި ހިމެނެނީ އުތީމު ހެލްތް ސެންޓަރާއި ކޯޓާއި ގާޒީ ބަންޑާރައިންގެ ސްކޫލެވެ.
އުތީމުގެ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބާއްވާ މި މުބާރާތުގެ ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
މުބާރާތް އިންތިޒާމްކުރާ އުތީމު ކައުންސިލުން ވަނީ މި ފަހަރުގެ މުބާރާތް ކުލަގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ގޮތުން މުބާރާތުގެ ގުރު ނެގުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައި މުބާރާތް ފެށުމުގެ ކުރިން ރޭ ވަނީ ޓީމުތަކުގެ ޖާޒީ ދައްކާލުމަށާއި ޓީމުތަކަށް ހާއްސަ ކެއުމެއް ވެސް ބާއްވައިފަ އެވެ.
"މިއީ އުތީމަށް އަންނަ ކުޑަވަރެއްގެ އީދެއް. މި މުބާރާތުގެ ސަބަބުން ރަށުގެ އެކުވަރިކަން ބަދަހިކޮށްދޭ. ކުދިކުދި ހިތްހަމަނުޖެހުންތައް ވެސް ފިލާދޭ. މުއައްސަސާތަކުގެ ގުޅުން ރަނގަޅުވެ، އެތަންތަނުގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވޭ. މިހެންވެ މިއީ މި ރަށަށް ވަރަށް މުހިންމު މުބާރާތެއް،" ރާއްޖޭގެ އެންމެ ދުވަސްވީ ގެ ކަމަށްވާ އުތީމު ގަނޑުވަރު އެރަށަކަށް ނިސްބަތްވާ އުތީމުގައި މި މުބާރާތް އިންތިޒާމް ކޮމިޓީގެ މެމްބަރަކު ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން އުޅޭ އުތީމަކީ ވަރަށް އެކުވެރިބަޔަކު އުޅޭ ރަށެއްގެ އިތުރުން ކުޅިވަރު ފޯރި ގަދަ ރަށެކެވެ.
އުތީމު ކައުންސިލް ބުނީ މުބާރާތުގެ ނިންމުން ކުލަގަދަ ކުރުމަށް މިހާރުއްސުރެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި މުބާރާތް އަހަރުން އަރަހަށް ތަރައްގީކޮށް ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ހިތްހަމަޖެހުން ހޯދައިދޭން ކައުންސިލުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.