ހަބަރު

ފަހު ފުރުސަތު ހަމަވުމުން ޣައިރު ހާޒިރުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވަނީ

ފިލައިގެން އުޅޭ މ. ސެސްނާ، މުޙައްމަދު އައްލާމް ލަތީފު (މޮހޯ) 26، އާއި މ. ލޭންޑް އޮފްގާޑްން، އަހުމަދު އިޝްފާހް އަލީ ފުލުހަށް ހާޒިރު ވުމަށް ދިން ފަހު ފުރުސަތު ހަމަވުމުން ޣައިރު ހާޒިރުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވަން ނިންމައިފި އެވެ.

ރައީސް ޔާމިން އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ފެންމަތިވި، ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާއި ގުޅިގެން، މޮހޯ އަދި އަޝްފާހްއާ ތަހުގީގަށް ކުރަންޖެހޭ ސުވާލުތައްކުރުމަށާއި އަދި އެދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފަހު ފުރުސަތެއްގެ ގޮތުގައި 25 ފެބްރުއަރީ 2016 ވަނަ ދުވަހުންފެށިގެން ވަނީ 14 ދުވަސްތެރޭ ފުލުހުންނަށް ހާޒިރު ވުމަށް ފުލުހުން އޮތީ އަނގައިފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މޮހޯއާއި އަޝްފާހްއަށް ފުލުހަށް ހާޒިރުވާން ދިން ފަހު ފުރުސަތު ހަމަވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ ދެމީހުން ހާޒިރުވެފައި ނުވާ ކަމަށެވެ.

"އެހެން ކަމުން އެމީހުންގެ މައްޗަށް ތުހުމަތުވާ މައްސަލަަތަކާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް އެ ދެމީހުންގެ ޣައިރު ހާޒިރުގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާނަން،" އިސްމާއިލް ވިދާޅުވި އެވެ.