ވާހަކަ

މިލްކުވާނެބާ

(5 އޯގަސްޓް 2024 އާ ގުޅޭ)

"މިސްއަންޑަސްޓޭންޑިންއެކޭ... ކިހާ ރީތި." ސޫޒަންއަށް ހަޅޭލަވައިގަނެވުނެވެ. އޭނާ މާޔާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

"އެއީ މިސްއަންޑަސްޓޭންޑިންއެއް ވިއްޔާ. ކީއްވެ އަދިވެސް އަހަރެން ހުހަށް މިހުރީ. އަހަރެމެން ދެމަފިރިންނަށް ނުވީ. އެއީ މިސްއަންޑަސްޓޭންޑިންނަމަ... ކީއްވެ އޭނާ އަހަރެން އިންތިޒާރުގައި ބައިންދާފައި އެހެން އަންހެނެއްގެ ގާތަށް ދާންވީ. ކައިވެނި ހެދުމުގައި އަހަރެން އިނީ އޭނާ އަންނާނޭ އިރެއްގެ އިންތިޒާރުގައި... އެކަމަކު އަހަރެންނަށް ޚަބަރެއްވުމުގެ ބަދަލުގައި އަހަރެން ގުޅީމާ ފޯނު ނުނަގާފައި އޭނާ ގުޅީ ކަލެއަށް. އޭނާ ދިޔައީ ކަލޭގެ ކައިރިޔަށް. ނޫންތަ؟." ސޫޒަންގެ ރުޅިގަނޑު އިންތިހާއަށް ގޮސްފައިވި އެވެ.

ސޫޒަން ދައްކަމުން ދިޔަ ވާހަކަތަކާމެދު މާޔާ ވިސްނާލި އެވެ. ދެކުނުގެ ޕްރޮޖެކްޓްގެ ކަންތަކުގައި ގޮސް އުޅެނިކޮށް އޭނާއާއި އިޒީކިއަލްގެ ބޮލުގައި އެޅުނު ބަދުނާމަށްފަހު އިޒީކިއަލްގެ ޚަބަރެއް މާޔާއަކަށް ނުވެ އެވެ. އެ ހާދިސާއަށްފަހު ކުއްލިއަކަށް އިޒީކިއަލް ދުރުވެލީ ނުހަނު ބޮޑަށެވެ. އޭގެ ފަހުން ދެން އަޑު އިވުނީ ސޫޒަންއާ ކައިވެނި ކުރާން އުޅޭ ކަމުގެ ޚަބަރެވެ.

"ނޫން... ކުރިން ރޭ އިޒީކިއަލް މިސްކޯލެއް ދިން. އަނެއްކާ އެ ކޯލުގެ ވާހަކަތަ ސޫޒަން އެ ދައްކަނީ." އިޒީކިއަލްގެ ހަނދާންކުރަމުންދިޔަ މާޔާ ސިހުނީ އޭނާގެ ހެދުމުގައި ސޫޒަން ހިފައި ދަމައިގަތުމުންނެވެ.

"މި ހުރިހާ ކަމަކީ މިސްއަންޑަސްޓޭންޑިންނެއްނަމަ ކީއްވެ އަހަރެން ގެއިން ބޭރުކޮށްލަންވީ. މިހުރިހާ ދުވަހު އިޒީކިއަލްގެ އެންމެ ކައިރީގައި ހުރި މީހަކީ އަހަރެން. ހުރިހާކަމެއް އިޒީކިއަލް ކުރަމުން އައީ އަހަރެންނަށް ޓަކައި." މާޔާގެ ހެދުމުގައި ހިފައިގަނެގެން ހުރެ ސޫޒަން ބާރު އަޑުން ވާހަކަދައްކަމުން ދިޔަ އެވެ.

"ސޫޒަން ކީކޭ މިކިޔަނީ. އިޒީކިއަލް އޭނާ ގެއިން ނެރިލިއޭ... އެކަމަކު ކީއްވެ؟." އަމިއްލަ ހިތާ ސުވާލު ކުރަމުންދިޔަ މާޔާއަށް އެކައްޗެއް ވެސް ނުވިސްނުނެވެ.

"އިޒީކިއަލް ބަދަލުވީ ކަލޭގެ ސަބަބުން. މިހުރިހާ ކަމެއް މިހެންވާން ޖެހުނީ ކަލޭގެ ސަބަބުން... އިޓްސް އޯލް ބިކޯޒް އޮފް ޔޫ." ސޫޒަންގެ ހަޅޭއް ގަދަވެ އޭނާ މާޔާގެ މޫނުގައި ތަޅައިގަތެވެ.

"އަހަރެން... ކިހިނެއް؟. ސޫޒަން ފޭކެއްނޫންކަން އެނގޭ އެ ޖައްސަނީ. އޭނާ ރުޅި އައިސްގެން އަހަރެންނަށް އެ ބްލޭމްކުރަނީ ސަބަބެއް އޮތީމާހެން ހީވޭ... އެކަމަކު ކިހިނެއް އެހެންވާނީ. އިޒީކިއަލްގެ ހިތުގައި އަހަރެންގެ މައްޗަށް ފީލިންގްސްއެއް ނުވޭ. ސޫޒަންއާ އިޒީކިއަލް ދެމެދު ހިނގައިގެން އުޅެނީ ކިހާވަރެއްގެ ހަމަނުޖެހުމެއްކަމެއް ވެސް އަހަރެންނަކަށް ނޭނގޭ." ސޫޒަންގެ އަތުގެ ހަމަލާތަކުން ސަލާމަތްވާން މޫނާ ދިމާއަށް ދެ އަތް ހުރަސްކޮށްގެން ދުރަށް ޖެހެމުންދިޔައިރު މާޔާގެ ސިކުނޑިވީ ޚިޔާލުތަކުން ފުރިފަ އެވެ. ސޫޒަންއާއި އިޒީކިއަލްގެ ގުޅުން މާޔާއަށް އެނގުނީ ވެސް ފައިނާނާއި ޒާހިލްގެ ކައިވެނި ޙަފުލާގެ ތެރެއިން އެ ދެ ޒުވާނުން އެކުގައި ފެނުމުންނެވެ. އެމީހުންގެ ގުޅުމަށް ކިހާ ދުވަހެއް ވެއްޖެކަމެއް ވެސް މާޔާ ނުދެނަހުއްޓެވެ. އިޒީކިއަލްގެ ފުށުން ވެސް އެފަދަ އިޝާރާތެއް ވެފައި ނެތީމަ އެވެ.

"އިޒީކިއަލް އަހަރެން ދޫކޮށްލީ ކަލެއާ ހެދި. ކަލޭ ނެތްނަމަ އޭނާ އަދިވެސް ލޯބިވާނީ އަހަރެންދެކެ. ނުލިބޭނެ! ކަލެއަކަށް ނުލިބޭނެ އިޒީކިއަލްއެއް. އަހަރެންނަށް ނުލިބުނު އުފަލެއް ކަލެއަށް ވަކިލިބޭނެކަމަށް ހީނުކުރާތި... އައި ވިލް މޭކް ޔޫ ޕޭ." މާޔާގެ ފަހަތުން އައިސް އޭނާގެ އިސްތަށިގަނޑުގައި އަތްޖެހުމުން ސޫޒަން ހިފައިގަތެވެ. އިސްތަށިގަނޑަށް ވާންވެލުމާއެކު މާޔާ ހުއްޓުނެވެ. އަދި ސޫޒަން ހަދާލި ގޮތަކުން ދެ ކަކޫ މައްޗަށް މާޔާ ވެއްޓިއްޖެ އެވެ.

"އިޒީކިއަލް ބުނީތަ އަހަރެންދެކެ ލޯބިވެޔޭ. އެހެންވެތަ ސޫޒަން މިހާ ރުޅިއެއް އައިސްގެން މިއުޅެނީ. އެކަމަކު... އިޒީކިއަލް އެހެން ބުނެފާނެތަ؟. އޭނާ އަހަރެންދެކެ ލޯބިވެދާނެތަ؟." އިސްތަށިގަނޑަށް ސޫޒަން ދަމާތީ ތަދުވާކަން މާޔާގެ އަނގައިން ލައްވާލި އަޑުން ދޭހަވެ އެވެ. ސޫޒަން ރުޅިގަދަވެފައި ހުރިވަރުން ހިތަށް އަރާހާ ސުވާލެއް ކުރުން ރަނގަޅު ޚިޔާލަކަށް ނުވެދާނޭ މާޔާއަށް ވިސްނެމުންދިޔަ އެވެ. ހިތުގައި އޮތް އެއްޗެއް ހިތުގައި ބާއްވައިގެން އޭނާ އިނީ އެހެންވެ އެވެ.

އަމިއްލަ ދިފާއުގައި މާޔާ ވެސް ސޫޒަންއާ ކުރިމަތިލި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ސޫޒަންގެ އަތުގެ ތެރެއިން އިސްތަށިގަނޑު މިނިވަންކޮށް މާޔާ ކޮޅަށް ތެދުވި އެވެ. ސޫޒަންއާ ހަމަޖެހިގެން ވާހަކަދައްކަން މާޔާ ބޭނުމެވެ. ނަމަވެސް ސޫޒަން އެ ހުރީ އޭނާ ދައްކާ ވާހަކައެއް އަޑުއަހާނޭ ފަދަ ގޮތަކަށްނޫންކަން މާޔާއަށް އެނގެ އެވެ. ދެން ހަދާނޭ ގޮތެއް ނޭނގި ވިސްނުމުގައި މާޔާ ވަނިކޮށް ގޭތެރެއަށް އަފްރާހު ވަދެއްޖެ އެވެ.

"އަހަރެން ނުބުނަމެންނު ވަންނާކަށް." އަފްރާހާ ދިމާއަށް ސޫޒަން ހަޅޭލަވައިގަތެވެ.

"ސޫޒަން. ފުލުހުންނަށް އެނގިއްޖެ. ސަފާރީއަށް ފުލުހުން އަރައިފި. މިހާ އަވަހަށް ފުލުހުންނަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އަރާ. ސަފާރީއަށް އަރައިފިއްޔާ މިހާރު އޮންނާނީ އަހަރެމެންގެ ލޮކޭޝަން ލިބިފައި. އިހަށް މިތަނުން ނުކުންނަން ހިނގާ." އަފްރާހު ބުންޏެވެ. އޭނާގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ. ސޫޒަންއަށް އަފްރާހު ދޮގެއްނޫންކަން އެ ހަދަނީ ބުނެދިނީ އޭނާގެ މޫނުގައިވީ އެ އަސަރުތަކެވެ.

ދެ ފިރިހެނުންވެގެން މާޔާ ގަދަކަމުން ނެރެންފެށި އެވެ. އޭނާ ހަޅޭލެވިޔަ ނުދޭން އެތަނުން އެކަކު މާޔާގެ އަނގަޔަށް ފޮތިގަނޑެއް ކޮއްޕި އެވެ. އެމީހުންގެ ފަހަތުން އަފްރާހާއި ސޫޒަން ނުކުންނަން އައެވެ. ނަމަވެސް އެންމެން ސިއްސުވާލީ އެހިސާބަށް މަޑުކޮށްލި ކަޅުކުލައިގެ ކާރެވެ. އެއިން ފޭބި ދެ ޒުވާނުން ފެނުމާއެކު މާޔާގެ ގައިގާ ހިފަހައްޓައިގެން ތިބި ދެ މީހުން ދޫކޮށްލާފައި އެތަނަށް އައި ދެ ޒުވާނުންނާ ދިމާކުރި އެވެ.

"ރާހިން." މާޔާ އަނގައަށް ކޮއްޕާފައިވާ ފޮތިގަނޑު ނެގުމާއެކު ގޮވާލީ ނިކަން ހައިރާންވެ ހުރެ އެވެ.

"އަހަރެން ހީކުރީ ކޮޕުން ވައްޓާލީ ކަމަށް." ފަހަތުގައި ހުރެފައި އަފްރާހަށް ބުނެވުނެވެ. އަދި ލިބުނު ފުރުޞަތުގައި އަފްރާހު ކުއްލިއަކަށް އޭނާގެ އަތްދަށަށް މާޔާ ގެނެސްފި އެވެ.

"އޭނާ އައީވިއްޔާ ޕޮލިހުން ދުރަކުނުވާނެ. މީ އެންމެ ދެ މީހުން... ދެ މީހުންނަށް ކީއްކުރެވޭނީ." ސޫޒަން ބުންޏެވެ. އަދި އަފްރާހު ކައިރީ މާޔާ ގޮވައިގެން އެތަނުން ދާން ސޫޒާން ބުންޏެވެ.

"ކަލޭމެން ދިޔަދޭނެހެން ހީވޭތަ؟. މީހަކު ރަހީނު ކުރުމަކީ ބޮޑު ކުށެއް. ކަލޭމެން ސަލާމަތްވާނޭ ހީނުކުރާތި. މާޔާގެ ގައިގާ ކޫރުމެއް އެޅިލިޔަސް ނިމުނީ. ތިއިން ކޮންމެ މީހަކު އުމުރު ދުވަހު އޮންނަން ޖެހޭނީ ޖަލުގައި." ރާހިން ބުންޏެވެ.

"ތިއުޅެނީ އޮޅިގެން. މާޔާ ގެނައީ އޭނާއާ ވާހަކައެއް ދައްކަން. އަހަރެންނަށް ވެސް ބާރުގެ ބޭނުން ކުރެވިދާނެ. ތަންތަނުގެ މަތީ މަޤާމްތަކުގައި މީހުން އެބަތިބި... އަހަރެންނަށް ކަމެއްވެއްޖެއްޔާ އިޒީކިއަލް ކަލޭމެން ދުލެއް ނުކުރާނެ. މި މާލޭގައި އޭނާ ނޭނގޭ މީހަކު ނުހުންނާނެ." ބާރެއްނެތްއިރު ވެސް ދަޅަދައްކާލަން ސޫޒަން މަސައްކަތް ކުރީ ރާހިން ފަހަތަށް ޖެއްސުމަށެވެ.

"އިޒީކިއަލް... އޭނަ..." އިޒީކިއަލްގެ ނަން އިވުމާއެކު ރާހިންއަށް ދަތްކުނޑިވިކާލެވުނީ ހިތުގައި އުތުރިގަތް ނަފުރަތުންނެވެ. އޭނާ އިޒީކިއަލް އެނގެނީ އެވެ.

"ދޫކޮށްލާ އޭނަ." އަފްރާހު ކައިރީ ސޫޒަން ބުންޏެވެ. ސުވާލުގެ ނަޒަރަކުން އަފްރާހު ބަލާލުމުން ސޫޒަން އިތުރަށް ޔަޤީންކަން ދޭން ބޯޖަހާލީ އެވެ.

"މާޔާ. އަހަރެން އަދި އެއްވާހަކަ ބުނަންވެފައި އެބައޮތް." ރާހިންގެ ކައިރިޔަށް ދާން މާޔާ ފިޔަވަޅު އަޅާލި ހިނދު ސޫޒަން ބުންޏެވެ.

"ޑޯންޓް ލިސެން ޓު ހާ." ރާހިން ބުންޏެވެ. ހުއްޓިލާފައި މާޔާ ކުރިޔަށް ހިނގައިގަތީ އެހެންވެ އެވެ.

"ދަނީތަ؟. ތީ މިޔާކަން އަހަރެންނަށް އެނގޭ... މިޔާ ވިހޭ ދަރިފުޅަށް ވީ ކިހިނެއްކަން އެނގޭކަށް ބޭނުމެއްނޫންތަ؟. މިހާރު އެ ބޭބީ ކޮބާ؟." އެއްމިޔަކަނުން ހީނލަމުން ސޫޒަން މިހެންބުނެ ދެ އަތް އުރާލި އެވެ. ވަގުތުން މާޔާއަށް ހުއްޓެވުނެވެ. އޭނާ އެނބުރި ސޫޒަންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

"ސޫޒަންއަށް އެނގެނީ ކޯއްޗެއް. އެ ބޭބީ މި ދުނިޔެއަކުނެތް." ސޫޒަން ދެއްކި ވާހަކައާ މާޔާ އެއްގޮތަކަށް ވެސް ގަޔައެއްނުވި އެވެ. އެކަން އޭނާގެ މޫނުން ސާފުކޮށް ފާޅުވެލި އެވެ.

"އެހެންތަ؟. ދުށީންތަ ބޭބީ މަރުވެފައި އޮއްވާ؟. ނުފެނޭ ދޯ. އެހެންވިޔަސް މަރުވީކަމަށް ޤަބޫލުކޮށްލައިގެން ދޯ ތިހުންނަނީ." ސޫޒަންގެ ވިހަ ހިނިތުންވުން ފުޅާވެލި އެވެ.

މާޔާއަށް ހީވީ އޭނާގެ ހަޔާތުން ފަސް އަހަރު ފަހަތަށް، މާޒީގެ ތެރެއަށް އަނބުރާ ދެވުނު ހެންނެވެ. އޭރު އެއީ މިޔާ އެވެ. ހަނދާނުގެ ތެރެއިން ލޯ ކުރިމައްޗަށް ސިފަވެގެން އައީ އޭނާގެ ހިތް ކުދިކުދިކޮށްލި ހިތްދަތި މަންޒަރުތަކެވެ. ހޮސްޕިޓަލުން ގެއަށް ބަދަލު ކުރެވުނީ ކޮންއިރަކު ކަމެއް ޚުދު އޭނާ ނުދެނަ ހުއްޓެވެ. އޭނާގެ ދެ ލޯ ހުޅުވުމާއެކު ފުރަތަމަ ވެސް އެ ދެ ލޯ ހޯދީ ކެތްތެރިކަމާއެކު ބައްދަލުވުމުގެ ފޮނި އުންމީދުގައި އިންތިޒާރު ކުރަމުން އައި ދަރިފުޅު ފެނޭތޯ އެވެ. އަދި އެ ދަރިފުޅާއެކު ލޯބިވާ ފިރިމީހާ ވެސް މެ އެވެ. ނަމަވެސް އެ ދުވަހު އޭނާއާ ބައްދަލުކުރީ ހިލްމީ އެވެ. އެ ހިތާމަވެރި ޚަބަރު އޭނާއަށް ދިނީ ވެސް ހިލްމީ އެވެ. އެހެންވިޔަސް އޭނާގެ ހިތް އެކަން ޤަބޫލުކުރާން ދެކޮޅު ހެދި އެވެ. މަރުވީކަމުގައި ބުނި ދަރިފުޅުގެ މޫނު ވެސް އޭނާއެއް ނުދެކެ އެވެ. އަނެއްކޮޅުން އެއްވެސް ކުށެއްނެތި އިޒީކިއަލް އޭނާ ދޫކޮށްލީ އެ ހިތްދަތިކަމުގެ ވަގުތުގަ އެވެ. ފިރިމީހާގެ ލޯތްބާއި ގާތްކަމަށް ނުހަނު ބޭނުންވެފައި އިން ވަގުތެއްގަ އެވެ. ކުޑަމިނުން އިޒީކިއަލް އޭނާގެ ހާލު ދުށުމަށް ވެސް ނާދެ އެވެ. ދެމަފިރިންގެ ދެމެދަށް ވެރިވި ދުރުކަމަކީ ދަރިފުޅުގެ މަރު ކަމުގައި އޭނާއަށް ޤަބޫލުކުރެވުނީ އިތުރު ސަބަބެއް ނެތީމަ އެވެ. ގައިމު ވެސް އޭނާ އިޒީކިއަލްއަށް ބޭވަފާތެރިއެއް ނުވެ އެވެ. އިޒީކިއަލް ހިތް އެދުނު ހުރިހާ އުފަލެއް އޭނާ ވަނީ ދީފަ އެވެ.

"ޔޫ ނޯ ނަތިންގް." ރިހެމުން ދިޔަ ހިތާއެކު ދަތްކުނޑިވިކާލައިގެން ހުރެ މާޔާއަށް ބުނެވުނެވެ. އޭނާ ކުރިމަތިލީ ހިތްދަތިކަމަކީ އެހެން އެއްވެސް މީހަކަށް އެކަމުގައި ހުރި ވޭން އިޙްސާސް ކުރެވޭނޭ ކަމެއްނޫނޭ މާޔާގެ ހިތް ޤަބޫލުކުރެ އެވެ.

"ހެ ހެ ހެ... އެހެންތަ؟." ސޫޒަން ތަންކޮޅެއް ބާރަށް ހީނލާފައި ބުނެލި އެވެ.

"ބޮލުގައި އެއްވެސް ތެތްކަމެއްނެތް ދޯ... ފުރަތަމަ ކަމަކަށް އިޒީކިއަލް ކުއްލިއަކަށް ކައިވެނިކުރަން ބޭނުންވެފައި، އިނދެވުމާއެކީ ވަގުތުން ދަރިއަކު ހޯދަން ބޭނުންވީމާ ވެސް އޭނާގެ ނިޔަތާމެދު ޝައްކެއްނުވިތަ؟. އިޒީކިއަލް ކަހަލަ ފިރިހެނަކާ އިންނާނޭ މީހުންނުވާނޭ ހީވަނީތަ؟." ސޫޒަން ބުންޏެވެ.

"ކީކޭ ކިޔަންތަ ސޫޒަން ތިއުޅެނީ؟. ތި ކިޔާ އެއްޗެއް ސާފުވާނޭހެން ކިޔާބަލަ." މާޔާގެ ކެތްތެރިކަން ގެއްލި ސޫޒަންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް ނިކަން އަވަހަށް ސޫޒަންގެ ގައިން މާޔާ ދޫކޮށްލާފައި ދުރަށް ޖެހިލައިފި އެވެ. އަދި ނަފްސު ހަމައަކަށް އެޅުވުމަށް ފުން ނޭވާއެއް އޭނާ ދޫކޮށްލި އެވެ. އޭނާ ރުޅި އައިސްގެން ސޫޒަންގެ ކައިރިން ކަމެއް އޮޅުން ނުފިލާނޭ ހީވީ އެވެ.

"އެނގެން ބޭނުމިއްޔާ އާދޭ." ސޫޒަން ބުނެލި އެވެ.

"މާޔާ." ސޫޒާންއާއެކު މާޔާ ދާން އުޅޭހެން ހީވުމާއެކު ރާހިން ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު މާޔާ އެނބުރިލައި ރާހިންއާ ކުރިމަތިލައިފި އެވެ.

"ކީއްކުރަން، ކޮންވާހަކައެއް ދައްކަން އޭނާއާ އެއްކޮށް ދާންވީ. މާޔާ... އިރުކޮޅެއްތެރޭ ފުލުހުން އަންނާނެ މިތަނަށް. މި އެންމެން ހައްޔަރު ކުރާނެ. ކަމް ވިތް މީ." ރާހިން ބުންޏެވެ.

"ރާހިން... އަހަރެން... ސޮރީ ރާހިން. އޭނާ ދައްކާ ވާހަކައެއް އަޑުއަހަން އަހަރެން ބޭނުން. އެ ވާހަކަތަކުގައި ކުޑަ ވެސް ހަޤީޤަތެއް ވާނަމަ އެކަން އެނގެން އަހަރެން ބޭނުން. ޕްލީޒް އަހަރެން ނުހުއްޓުވާ." މާޔާ ބުންޏެވެ.

ފުލުހުންގެ ޖިޕެއް އެ ހިސާބަށް އައީ އެވަގުތެވެ. ޔުނީފޯމްގައި ތިބި ހަތަރު ފުލުހުން ރާހިންގެ ކައިރީ މަޑުކޮށްލި އެވެ. އަފްރާހާއި ސޫޒަންގެ އިތުރުން އެމީހުންނާއެކީ އުޅުނު ދެ މީހުން ފަހަތަށް ޖެހުނެވެ. ހައްޔަރު ކުރަންވީ އެމީހުންކަން ފުލުހުންނަށް ބުނެދިނީ ރާހިންނެވެ. އެހިނދު އަފްރާހު ވާހަކަދައްކަން ފެށި އެވެ.

"މީ ފުލުހުން އަންނަންޖެހޭވަރު ކަމެއްނޫން. މި ދެ އަންހެން ކުދީންނަކީ ރައްޓެހިން. މީ އަޅުގަނޑުގެ ގެއެއް. އެމީހުން މިތަނަށް އައީ ވާހަކައެއް ދައްކާލަން. މިކަން ބޮޑުކޮށްލައިގެން އުޅެނީ މީނަ." އަފްރާހު ބުންޏެވެ.

އެވަގުތު މާޔާގެ ވައަތު މުލައްދަނޑީގައި ހިފާލަމުން އެއްފަރާތަށް ސޫޒަން އޭނާ ގެންދިޔަ އެވެ. މާޔާގެ ކަންފަތް ދޮށުގައި ސޫޒަން ސިއްރުން ވާހަކައެއް ބުންޏެވެ. އެހިނދު މާޔާގެ މޫނުން އޭނާއަށް ލިބިގެންދިޔަ ސިހުން ފާޅުވެގެން އައެވެ. އޭނާއަށް ކުއްލިއަކަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޤަބޫލެއްނުކުރެވޭ ބުނަން ދެފަރާތަށް މާޔާއަށް ބޯހޫރާލެވުނެވެ. ނަމަވެސް ސޫޒަންގެ މޫނުމަތީގައިވާ ކުލަވަރާއި ތުންފަތުގައިވީ ވިހަ ހިނިތުންވުން މާޔާއަށް ބުނެދެނީ އޭނާ އެ ބުނި އެއްޗެއްގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިފައިވާ ކަމެވެ. ސޫޒަން އޭނާގެ ފޯނުން ފޮޓޯއެއް ދައްކާލި އެވެ. ކުޑަ ފިރިހެންކުއްޖެއްގެ ފޮޓޯ އެވެ. މާޔާއަށް މޭގައި އަތް އަޅާލެވުނެވެ. ނޭވާލާން އުނދަގޫވީ ފަދަ އިޙްސާސެއް އޭނާއަށް ކުރެވިގެންދިޔަ އެވެ.

އިޒީކިއަލްއާ ވަކިވާން ޖެހި ދަރިފުޅުގެ މަރާއި ކުރިމަތިލާން ދަތިވެފައިވީ މާޔާ ބޭނުންވީ އެންމެންނާ ދުރަށް ދާށެވެ. އަދި އޭނާއަށް ލިބުނު އާ ފުރުޞަތުގައި މިޔާއިން މާޔާއަށް ބަދަލުވެ އެނބުރި އުފަން ފަސް ގަނޑަށް އައީ ފަސް އަހަރު ކުރީންނެވެ. އެ ދުވަހު އޭނާއަށް ހިލްމީއާއެކު ފެނުނު ކުޑަ ފިރިހެންކުއްޖާގެ ހަނދާން އަލުން އާވެއްޖެ އެވެ. މާޔާ ދުށީ ސޫޒަންގެ ފޯނުން ފެންނަން ހުރި ފޮޓޯގައިވާ ކުޑަ ފިރިހެންކުއްޖާ އެވެ. ހައިކް އަކީ އޭނާގެ ދަރިފުޅަށް ވެއްޖެނަމަ އެ ދުވަހުގެ އެ ބައްދަލުވުމަކީ ކިހާ ބޮޑު އިއްތިފާގެއް ހެއްޔެވެ.

"ހައިކް... އަހަރެންގެ ދަރިފުޅު." ހިތާހިތުން މާޔާއަށް ކިޔާލެވުނެވެ. ޖަޒުބާތުގައި ޖެހިފައިވީ މާޔާގެ ހިތް ހަމައަކަށް އެޅުވި އެވެ. އަދި ސޫޒަންއަށް އޭނާ ބަލާލީ ވިސްނުންތެރި ބެލުމަކުންނެވެ.

"ތިބުނާ އެއްޗެއް އަހަރެން ޔަގީންކުރާނީ ކިހިނެއް؟." މާޔާއަށް ބުނެވުނެވެ.

"މާޔާ... ސޮރީ. މިޔާ ދޯ އަސްލު ކިޔަންވީ... ބަލަ މިޔާ ހީކުރީ ހުރިހާ ކަމަކީ އެކްސިޑެންޓެއް ކަމަށްތަ؟. މިޔާއަށް އިޒީކިއަލް ފެނުނީ ވެސް އޭނާ މިޔާ ހޯދައިގެން ފެންނަ ހިސާބަށް ދިޔައީތީވެ. އޭނާ މިޔާ ހޯދީ އަހަރެންނަށް ޓަކައި. އަހަރެންނަށް މެޗުވާ ބޯންމެރޯއެއް ހޯދަންވެގެން. ހީ ޔޫސްޑް ޔޫ." ސޫޒަން މިހެންބުނި އިރު އޭނާގެ ހިތުގައި މާޔާގެ މައްޗަށް ހަސަދަވެރިކަންވި އެވެ.

އިޒީކިއަލް އެއްވެސް ކަމެއް ސޫޒަންއަށް އޮޅުވައެއްނުލަ އެވެ. އޭނާ މިޔާއާ ގުޅުނީ ކީއްވެކަން ސާފުކޮށް ސޫޒަންއަށް ކިޔާދިނެވެ. އަދި މިޔާއަކީ އަޅާލާނޭ އެއްވެސް މީހަކުނެތިފައި ހުރި އަންހެންކުއްޖެއްކަން ވެސް އިޒީކިއަލް އޭރު ބުންޏެވެ. ލިބުނު ދަރިފުޅުގެ ހާލު ސީރިއަސްވީ ނަމަވެސް އެކުއްޖާ މަރެއްނުވި އެވެ. އެހެންވެ އެ ދަރިފުޅު ގޮވައިގެން އިޒީކިއަލް އައީ ސޫޒަންގެ ގާތަށެވެ. އިޒީކިއަލް އެދުނީ މިޔާވީ ގުރުބާނީގެ ބަދަލުގައި އެ ދަރިފުޅަށް މަންމައެއްގެ ލޯބި ސޫޒަން ދިނުމަށެވެ. އަދި އެކުއްޖާ އެ ދެ މީހުންގެ ދަރިއެއްގެ ގޮތުގައި ބޮޑުވުމެވެ. ނަމަވެސް ސޫޒަންގެ ހިތުގައި އެކުއްޖާއާ މެދު ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. އެހެނެއްކަމަކު އިޒީކިއަލްގެ ދަރިއަކަށްވާތީ ހިތުގައި އޮތް ނަފުރަތު ސޫޒަންއަށް ފާޅު ނުކުރެވެނީ އެވެ. ފަހުންފަހުން އައިސް އިޒީކިއަލްގެ އުޅުމަށް ބަދަލުތަކެއް އަންނަންކަން ސޫޒަންއަށް ފާހަގަވާންފެށީ އެވެ. ދެން އޭނާއަށް އެނގުނީ މިޔާ އެނބުރި އިޒީކިއަލްގެ ކުރިމައްޗަށް އަތުވެއްޖެކަމެވެ. ނަން ބަދަލުކުރި ނަމަވެސް އެ ސޫރަ ސޫޒަންއަކަށް ނޯޅޭނެވިއްޔާ އެވެ. ކައިވެނި ކުރަން އޮތް ރޭ ކަންތައްވީގޮތުން ސޫޒަންގެ ކެތްތެރިކަން ކޮޅުންލީ އެވެ. ޚާއްޞަކޮށް އިޒީކިއަލްގެ ފޯނުން މިޔާއަށް ގުޅާފައި އޮތްތަން ފެނުމުންނެވެ. ސޫޒަންއަށް ވިސްނުނީ މިޔާއާ ދުރަށް އިޒީކިއަލްއަކަށް ނުދެވޭނެކަމެވެ. ސޫޒަންއަށް ދަރިއަކު ހޯދޭކަށް ނެތެވެ. ހައިކްއަކީ މިޔާގެ ދަރިއެކެވެ. އެހެންވެ ދަރިފުޅުގެ މަންމައަށް މިޔާވީތީ ވެސް އިޒީކިއަލްއަށް މިޔާގެ ގާތަށް ދާން ފަސޭހަވާނޭ ސޫޒަންއަށް ޤަބޫލުކުރެވެނީ އެވެ. އިޒީކިއަލްގެ ވިސްނުން މަޑުމަޑުން އެފަދައިން ބަދަލުވަމުންދަނީއޭ ސޫޒަންއަށް އައީ ހީވަމުންނެވެ.

"އެކަމަކު... އިޒީކިއަލް... އިޒީކިއަލް ކީއްވެބާ އަހަރެންނަށް ދޮގު ހެދީ. އެހާ ބޮޑު އޮޅުވާލުމެއް އެ އޮޅުވާލީ." އަމިއްލަ ނަފްސާ ކޮށްލެވުނު ސުވާލެއްހެން މާޔާއަށް ބުނެވުނެވެ.

"އަދިވެސް ޔަޤީން ނުވަނީތަ؟. އަން... މިޔާ އަމިއްލައަށް އޭނާ ކައިރީ އަހާބަލަ މީ ދޮގެއްތޯ." ސޫޒަންގެ ފޯނުން އިޒީކިއަލްއަށް ގުޅާފައި މާޔާއަށް ފޯނު ދިއްކޮށްލި އެވެ. މާޔާ އެ ފޯނުގައި ހިފި އެވެ. ދެތިންފަހަރު ރިންގުވީތަނާ ފޯނުކޯލު ނަގައި ހެލޯއޭ އިޒީކިއަލް ބުނެލި އަޑު އިވުނެވެ. އިޒީކިއަލްގެ ނަމުން މާޔާ ގޮވާލި އެވެ.

"މިޔާ..." އިޒީކިއަލްގެ އަޑުގައި ހައިރާންކަންވި އެވެ.

"ހައިކް... ހައިކް އެއީ އަހަރެމެންގެ ދަރިފުޅުތަ؟. ޕްލީޒް... އަހަރެންނަށް ޖަވާބު ދީބަލަ." މާޔާ ބުންޏެވެ.

"ކިހިނެއް؟... ކާކު ބުނީ... ކޮންތާކު މިޔާ ތިހުރީ." އިޒީކިއަލް ހާސްވީކަން އޭނާގެ އަޑުން މާޔާ ދެނެގަތެވެ.

(ނުނިމޭ)