މި ސަރުކާރުން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެކަން ދިރާސާކޮށް ސީދާ ހަރަކާތަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
މި ގަރާރު ފާސްކުރީ އެމްޑީޕީގެ އޮފީހުގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުން އެއްވެސް އިމެއް އަދި އިންސާފެއް ނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދިއުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއް ކަމަށް މި ގަރާރުގައި ބުނެފައިވެ އެވެ. އެ މަންޒަރު ބަލަން ނުތިބެ، ވަޒީފާއިން ވަކިކުރާ މީހުންނަށް އިންސާފު ހޯދައިދިނުމަށާއި ސީދާ ހަރަކާތަކަށް ދާން ޖެހިއްޖެނަމަ އެކަން ކުރަންވެސް މި ގަރާރުގައި ގޮވަލާފައިވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ދިވެއްސަކަށް ލިބޭ ކޮންމެ ގެއްލުމަކީ އެ ޕާޓީން އެކަމަކާ ހިތާމަކޮށް އަޑު އުފުލާނެ ކަންކަން ކަމަށެވެ.
ވަޒީފާއިން މީހުން ވަކިކުރާ މައްސަލައިގައި މަގުމަތީގައި އިހުތިޖާޖުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މި ގަރާރުން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފަ އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އާއި ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދު އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ) އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާކިރު އަބްދުއްރަހްމާން އެވެ.