އަބްދުﷲ ޝާހިދު

ސަރުކާރުން އުޅެނީ މަޖިލީހާއި ވެރިކަމުގެ ދައުރު އިތުރުކުރަން: ޝާހިދު

ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރާއި މަޖިލީހުގެ ދައުރުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރަކީ ބާރުތައް ވަކިން ހިންގުމަށް އެނގޭ ސަރުކާރަކަށް ނުވާތީ މިހާރު ކުރާ ކަމަކީ ދައުލަތުގެ ބާރުތައް އެއްކޮށްލުމުގެ މަސައްކަޔް ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދައުލަތުގެ ހިންގުމުގެ މުޅި ނިޒާމު ތަޣައްޔަރުވެފައިވާ ކަމަށެވެ. ނިޒާމު ތަޣައްޔަރުކޮށްގެން ސަރުކާރުން މަސައްކަތް ކުރަނީ ވެރިކަމުގެ ދައުރާއި މަޖިލީހުގެ ދައުރު އިތުރުކުރަން ކަމަށާއި ސަރުކާރުގެ މިސްރާބް ހުރީ އެ މަގަށް ކަމުގައިވެސް ވިދާޅުވި އެވެ.

"ޖަހަމުންދާ ރަނގަބީލަކީ ބިރުވެރި ކަމުގެ ރަނގަބީލެއް،" ޝާހިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ކޮށާ މަށާލުމަށްފަހު އަނބުރާ ކުރީެ ކަތީބު ސިސްޓަމް ގެނައުމުގެ ވާހަކަ ސަރުކާރުގެ ތެރެއިން ދެއްކުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރަން ފަށާފައިވާ ކަމަށްވެސް ޝާހިދު ތުހުމަތުކުރެއްވި އެވެ. އަދި ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުގައި ފެށި ތަރައްގީގެ މަޝްރޫއުތައް މިސަރުކާރުން ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެމްޑީޕީން ރާއްޖެ ހަމަ މަގަށް އެޅުވުމަށް އެ މިސްރާބަށް ދާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމްޑީޕީން ކޮށްފައިވާ ބޮޑެތި މަސައްކަތްތައް އެގޮތުގައި ހިފަހައްޓަންޖެހޭނެ ކަމަށެވެ.