ކުޅިވަރު

ސިޓީ ދޫކޮށް އަލްވަރޭޒް އެތުލެޓިކޯއަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ގަންނަން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން އެއްބަސްވެއްޖެ އެވެ.

އެތުލެޓިކޯއިން އަލްވަރޭޒް ގަންނަން އެއްބަސްވީ 95 މިލިއަން ޔޫރޯ އަށެވެ. މިއީ މިހާތަނަށް ސިޓީ އިން ކުޅުންތެރިޔަކު ވިއްކާލާފައި ނުވާ ވަރުގެ ބޮޑު އަގެކެވެ. އެ ކްލަބުން 2022ގައި އަލްވަރޭޒް ގަނެފައިވަނީ އެންމެ 17 މިލިއަން ޔޫރޯ އަށެވެ.

އުމުރުން 24 ‏އަހަރުގެ އަލްވަރޭޒް އެތުލެޓިކޯއާ ގުޅޭނީ ފަސް އަހަރުގެ ކޮންޓްރެކްޓެއް ގައެވެ. އަދި މި ޑީލް ކާމިޔާބުކުރުމުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އިސް ދައުރެއް އަދާކުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒް މީގެކުރިންވެސް ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ކޮށްފަ އެވެ. އެގޮތުން އޭރު އޭނާ ބުނީ ސީޒަންގެ މުހިއްމު މެޗުތަކުގައި ބެންޗުގައި އިންނަން ބޭނުންނުވާ ކަމަށާއި، އެހެންކަމުން ކްލަބުގައި މަޑުކުރުމާމެދު ވިސްނާނެ ކަމަށެވެ.

އަލްވަރޭޒް އެހެން ބުނި ނަމަވެސް ސިޓީއިން އޭނާ ބަހައްޓަން ބޭނުންވި އެވެ. ނަމަވެސް މިކަމާ ބެހޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އޭރު ބުނެފައިވަނީ އަލްވަރޭޒް ބޭނުންވާ ގޮތެއް އަންގާނެ ކަމަށެވެ.

އާޖެންޓީނާއާއެކު މި އަހަރުގެ ކޮޕަ އެމެރިކާވެސް ނެގި އަލްވަރޭޒް ވަނީ ސިޓީއާއެކު ދެ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ ތަށިވެސް އުފުލާލާފަ އެވެ.

އެތުލެޓިކޯއިން ވަނީ އަލްވަރޭޒްގެ އިތުރުން ކޮނާ ގެލަގާ ވެސް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އެ ކްލަބަށް ގެންދިއުމަށް ނިންމާފަ އެވެ. އެތުލެޓިކޯއިން ޗެލްސީގެ މިޑްފީލްޑަރު ގަންނަން އެއްބަސްވެފައިވަނީ 42 މިލިއަން ޔޫރޯ އަށެވެ.