ދުނިޔެ

އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ޗައިނާއިން ކުށްވެރިކޮށްފި

ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލައްވައިފި އެވެ.

އޭނާ އެކަމަށް ގޮވާލެއްވީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ވަންގް ޔީ ވިދާޅުވީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

ޣައްޒާގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށާއި މީގެތެރޭގައި 16،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނެސް، ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިކުރުމަށްވެސް ޗައިނާއިން ގޮވާލައިފައިވެ އެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައުން މިކަމާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އެ ގައުމުން އެދިފައިވެ އެވެ.

ފަލަސްތީންގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށްވެސް ޗައިނާ އިން މީގެކުރިން އިއުލާންކޮށްފައިވެ އެވެ. އަދި އދގެ ނިންމުންތަކަށް އަޒްރޭލުން ބޯލަނބަން ޖެހޭ ކަމަށާއި 1948ގެ މުއާހަދާގެ އެއްބަސްވުމުގައި އޮތް ގޮތައް ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަންވެސް ޗައިނާ އިން ގޮވާލި އެވެ. އިޒުރޭލާއި ފަލަސްތީނަށްވެސް މިނިވަން ދައުލަތެއް ލިބިގެން ނޫނީ މައްސަލައަށް ހައްލެއް ނެތް ކަމަށްވެސް ޗައިނާ އިން ދަނީ ބުނަމަުންނެވެ.