ކުޅިވަރު

ޕޯޗުގަލްގެ ލެޖެންޑް ޕެޕޭ ރިޓަޔާކޮށްފި

ޕޯޗުގަލްގެ ޑިފެންޑަރު -- އުމުރުން 41 އަހަރުގެ ޕެޕޭ ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކޮށްފި އެވެ.

ޕެޕޭ ރިޓަޔާކުރަން ނިންމިކަން އިއުލާނުކުރީ އޮންލައިންކޮށް ކުރި 33 މިނެޓްގެ ވީޑިއޯ ޕޯސްޓެއް މެދުވެރިކޮށެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްއަށް ކުޅުނު ޕެޕޭ އަކީ ޔޫރޯގެ ތާރީހުގައިވެސް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން ބަލިވި މެޗުގައެވެ. މިއީ ޕެޕޭ ގެވެސް އެންމެ ފަހު މެޗެވެ.

ޕޯޗަގަލް އިން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އެ ޓީމުގައިވެސް ހިމެނުނު ޕެޕޭގެ ކްލަބް ކެރިއަރުގައި 10 އަހަރު ރެއާލް މެޑްރިޑަށް ކުޅެފައިވެ އެވެ. އެ ކުލަބާއި އެކު. ތިން ފަހަރު ސްޕެނިޝް ލީގާއި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެ އެވެ. އަދި ދެ ފަހަރު ފީފާ ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިވެ އެވެ.

ޕެޕޭގެ ކްލަބް ކެރިއަރު ޕޯޓޯ އިން ނިންމާލާފައިވާއިރު، ޕެޕޭ ވަނީ ޕޯޗުގަލްގެ މަރުޓީމޯ އާއި ތުރުކީގެ ބެސިކްޓާސްއަށް ވެސް ކުޅެފަ އެވެ.

ޕެޕޭގެ މުޅި ކެރިއަރުގައި އޭނާ ވަނީ 878 މެޗު ކުޅެ 37 ތަށި ހޯދާފަ އެވެ. ރުޅި ގަދަ ޑިފެންޑަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެޕޭއަށް ކެރިއަރުގައި 17 ރަތް ކާޑާއި 212 ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ.