މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްކޮށް ސާފުކޮށް ދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީކައުންސިލް އިން އިއުލާންކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ހުސްްކޮށް، ސަފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ހޯދަނި މާފަންނު ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސާފުކޮށް ދޭނެ ބައެކެވެ.
މިމަސައްކަތުގެ ތެރޭގައި ތިން ކަމެއް ކުރަންޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ. މީގެތެރޭގައި 2.4 މީޓަރު ފުންމިނަށް ވެލިގަނޑު ކޮނެ ފުރޭނުމާއި އަދި ފުރޭނުމަށްފަހު ހުޅުމާލެ ސަހަރާއަށް ގެންގޮސް ފުނިޖެހުމާއި، މާފަންނު ސަހަރާގެ ވަށައިގެންވާ 742 ފޫޓް މަގުފާރު ނަގައި އުކާލުމާއި، ސަހަރާގެ ގޯތި ތެރޭގައިވާ ނަގަންޖެހޭ ގަސްތައް ނެގުމަށްފަހު އަލުން ސިޓީ ކައުންސިލުން ދައްކާ ތަނެއްގައި ގަސް އިންދުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ހެނދުނު 11:00 ގައި ހ. ހުޅުގަލީގައި ހިންގާ ސިޓީ ކައުންސިލްގެ އޮފީހު ގައެވެ. އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު މެންދުރުފަހު 1:00 ގައި ހ. ހުޅުގަލީގައެވެ.
މާފަންނު ސަހަރާ ހުސްކުރަނީ އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކަމަށް އެނގިފައިވެ އެވެ.