ރެފިއުޖީ ކްރައިސިސްއާއި ގުޅިގެން ޔޫރަޕުގެ އެއްބައި ގައުމުތަކުން އެ ގައުމުތަކުގެ ބޯޑަރު ބަންދުކުރަން ފަށައިފި އެވެ.
ހަންގޭރީ މިއީ ބޯޑަރު ބަންދު ކުރި އެއް ގައުމެވެ. ރެފިއުޖީ ކްރައިސިސްއާއި ގުޅިގެން ހަންގޭރީއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބޯޑަރު ދޮށަށް އިތުރު ސިފައިން ވެސް ފޮނުވާފަ އެވެ. ފުލުހުންނާއި ސިފައިން އެއްކޮށް 1000 އަށް ވުރެ ގިނަ ސިފައިން ވަނީ ހަންގަރީއާއި ސަރބިޔާއާއި ދެމެދު އޮންނަ ބޯޑަރަށް ފޮނުވާފައެވެ.
ހަންގަރީގެ އިންޓީރިއާ މިނިސްޓަރު ވަނީ މިހަފްތާގެ ބުދަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސިފައިންނާއި ފުލުހުން ބޯޑަރު ދޮށަށް ފޮނުވާ ވާހަކަ އިއުލާން ކުރައްވާފައެވެ. ހަންގަރީއިން ބޯޑަރު ބަންދުކުރާނެ ވާހަކަ އިއުލާން ކޮށްފައިވަނީ ސްލޮވީނިއާއިން ބޯޑަރު ބަންދު ކުރާ ވާހަކަ އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ. މި ދެ ގައުމުން ވެސް ވަނީ ސައްޙަ ޔޫރަޕިއަން އެންޓްރީ ވިސާ ނެތް މީހުންނަށް ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ.
އެ ގައުމުތަކުން ވަނީ ވެސްޓާން ޔޫރަޕަށް ދެވެން އޮތް އެއް މަގު ބަންދު ކޮށްފައެވެ. މިއާއެކު ސީރިޔާގެ ހަނގުރާމަ އާއި އައިއެސް ގެ ޓެރަރިސްޓް ހަމަލާތަކުން ސަލާމަތް ވުމުގެ ބޭނުމުގައި ހިޖުރަ ކުރާ ރެފިއުޖީއިންނަށް ޔޫރަޕަށް ދިޔުމަށް ވަނީ ވަރަށް ބޮޑެތި ހުރަސް ތަކެއް އެޅިފައެވެ. އެއީ ޔޫރަޕުގެ ގިނަ ގައުމުތަކުން ބޯޑަރު ހުރަސްކުރަން ނުވަތަ އެސައިލަމް ހޯދަން އެދޭ މީހުންނަށް ގިނަ ދަތި ކުރުމުގެ ފިޔަވަޅު ތަކެއް ތައާރަފް ކޮށްފައިވާތީ އެވެ.